
ވިޔަފާރިތަކަށް އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފައިސާ ފޮނުވޭ "ބަލްކް ޕޭމަންޓް" ހިދުމަތް ބީއެމްއެލުން ހަމަޖައްސަައިދީފި
# ބޭންކް އޮފް މޯލްޑިވްސް-
ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފައިސާ ފޮނުވޭ "ބަލްކް ޕޭމަންޓް" ހިދުމަތް ލިބޭނެގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ބުނީ މި ޚިދުމަތް މެދުވެރިކޮށް މުސާރަ، އެލަވަންސް އަދި ޑިވިޑެންޑް ފަދަ ފައިސާ އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފޮނުވޭނެ ކަމަށެވެ.
ބަލްކް ޕޭމަންޓްގެ ޚިދުމަތަކީ ވިޔަފާރިތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ. މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ދިވެހި ރުފިޔާ އަދި ޔޫއެސް ޑޮލަރުން، ބީއެމްއެލްގެ އެކައުންޓްތަކަށް އޮޓޮމޭޓެޑްކޮށް އެއްފަހަރާ ފައިސާ ފޮނުވޭނެއެވެ.
މި ހިދުމަތާ ގުޅޭގޮތުން ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ، ޑިޖިޓަލްކޮށް އެއްފަހަރާ ގިނަ މުއާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި މީގެ ސަބަބުން ފައިސާ ފޮނުވުމުގެ ކަންކަން އަވަސްވެ، ރައްކާތެރިވެ، އަދި އެއްވެސް ތަކްލީފެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
"މިއީ ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، ފަސޭހަ އަދި ބޭނުންތެރި ހައްލުތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް." ނިމާލް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތްކުރަނީ އީޖާދީ އަދި ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ފަރުދުންނާއި، ވިޔަފާރިތަކާއި، އަދި މުޖުތަމައުތައް ބާރުވެރިކުރުވުމަށެވެ.
ގުޅުންހުރި

ފުރަތަމަ ކުއާޓާގައި ބީއެމްއެލުން ޓީޓީ ހެދުމަށް 100 މިލިއަން ޑޮލަރު ވިއްކައިފި

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބީއެމްއެލުން އަލަށް ޤާއިމުކުރި 90 އޭޓީއެމްގެ ހިދުމަތް އިފްތިތާހްކޮށްފި: 70 އޭޓީއެމްއަކީ ޑޮލަރު އޭޓީއެމް!

މިދިޔަ އަހަރަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ގައުމަށް ފައިދާހުރި ގިނަ މަޝްރޫޢުތަކާއެކު ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވުނު އަހަރެއް!




