
އޯޕެކް ފަންޑުން ރާއްޖެއަށް އިތުރު މާލީއެހީތައް ދިނުމަށް ފްރޭމްވޯކެއްގައި ސޮއިކޮށްފި
# ފިނޭންސް މިނިސްޓްރީ-
އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (އޯޕެކް ފަންޑު) އާއި ދިވެހި ސަރުކާރާ ދެމެދު ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވޯކް (ސީ.ޕީ.އެފް) އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވިއެނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒުގައެވެ. އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި އޯޕެކް ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ރައީސް އަބްދުއްހާމިދު އަލްޚަލީފާ އެވެ.
އޯޕެކް ފަންޑުން ބުނީ މި އެއްބަސްވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި، ދެމެހެއްޓެނިވި ޢުމްރާނީ ޤާބިލުކަމާއި، އިޢާދަކުރަނިވި ހަކަތައާއި، މާލީ ހަމަޖެހުމާއި ގުޅުންހުރި ރާއްޖޭގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އޯޕެކް ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ.
ފްރޭމްވޯކާއި ގުޅޭގޮތުން ފަންޑުގެ ރައީސް އަބްދުއްހާމިދު އަލްޚަލީފާ ވިދާޅުވީ ރާއްޖެއަކީ އޯޕެކް ފަންޑުގެ މުހިންމު ބައިވެރިއެއް ކަމަށާއި މިއަދު ސޮއިކުރެއްވިގެންދިޔަ ފްރޭމްވޯކާއިއެކު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ހިމެނޭހެން ދެމެހެއްޓެނިވި ތަރައްޤީއަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އެފަންޑުން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމަށެވެ.
1977 ވަނަ އަހަރު އޯޕެކް ފަންޑުން ރާއްޖެއާ ގުޅުން ބަދަހިކުރަން ފެށި ފަހުން މިހާތަނަށް 440 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ އެހީ ވަނީ ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އެފަންޑުން މީގެ ކުރީން ވަނީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއާއި، ފެނާއި ނަރުދަމާއާއި، މަސްވެރިކަމާއި، ޞިއްޙަތާއި، ތަޢުލީމީ ދާއިރާއާއި، ޓްރޭޑް ފައިނޭންސްގެ ދާއިރާއަށް މާލީ އެހީ ދީފައި އެވެ.
އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޯޕެކް ފަންޑު) އަކީ މެމްބަރު ގައުމުތަކުން މެމްބަރު ނޫން ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ހަމައެކަނި ޖަމިއްޔާ އެވެ. މި ޖަމްޢިއްޔާއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޕާޓްނަރުންނާއި ބައިނަލްއަޤްވާމީ ތަރައްޤީގެ މުޖުތަމަޢު ގުޅިގެން ދުނިޔޭގެ ނިކަމެތި އަދި މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމާއި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެކެވެ. އޯޕެކް ފަންޑަކީ 1976 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.
ގުޅުންހުރި

އޯޕެކް ފަންޑުން ރާއްޖެއަށް އިތުރު މާލީއެހީތައް ދިނުމަށް ފްރޭމްވޯކެއްގައި ސޮއިކޮށްފި

މިނިސްޓްރީތަކެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ!

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން އާއި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ!





