
އެމަރޖެންސީ ކަންކަމުގައި ބޭނުން ކުރުމަށް ސަރުކާރުން ކަރެކްޝަނަށް އެމްބިއުލާންސެއް ހަދިޔާކޮށްފި
# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް# އެމްބިއުލާންސްފޮޓޯ: ކަރެކްޝަން
އެމަރޖެންސީ ކަންކަމުގައި ބޭނުން ކުރުމަށް ސަރުކާރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އެމްބިއުލާންސެއް ހަދިޔާކޮށްފިއެވެ.

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހެލްތު މިނިސްޓްރީން ދާދި ފަހުން ވަނީ ހަވާލުކޮށްފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ކަރެކްޝަންގެ ބެލުމުގެ ދަށުގައިވާ ޤައިދީނާއި، ބަންދު މީހުން އަދި އޮފިސަރުންނާއި މުވައްޒަފުންނަށް ދިމާވާ އެމަރޖެންސީ ކަންކަމުގައި ބޭނުން ކުރުމަށް ސަރުކާރުން ވަނީ އެމްބިއުލާންސް އެއް ހަދިޔާކޮށްފައެވެ.
އަދި މިއީ ކަރެކްޝަންސްގެ 54 އަހަރުވީ ތާރީޚުގައި އެމްބިއުލާންސްއެއް ސަރުކާރަކުން ހަދިޔާކުރި ފުރަތަމަ ފަހަރުކަން ކަރެކްޝަނުން ފާހަގަކުރެއެވެ.
ސަރުކާރުން އެމްބިއުލާންސެއް ކަރެކްޝަނަށް ހަދިޔާކޮށްފަ ވާއިރު އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް މިމަހުގެ ނިޔަލަށް ފޮނުވައި ނިމޭނެ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
ސިއްޙީ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ލޯންޗު ލިބިފައި ނެތް އަތޮޅުތަކަށް ލޯންޗު ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ލޯންޗު ލިބިފައިނެތް 7 އަތޮޅެއްގެ ލޯންޗު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އެގޮތުން މިމަހުގެ ނިޔަލަށް ލޯންޗު ނެތް ހުރިހާ އަތޮޅަކަށް ލޯންޗު ފޮނުވައި މަސައްކަތް ނިމެނޭ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
މި ލޯންޗްތަކަކީ އަތޮޅު ހޮސްޕިޓަލްތަކުގެ އައުޓްރީޗް ޕްރޮގްރާމްތަކުގެ ތެރެއިން ދެވޭ ޚިދުމަތްތައް އެހެނިހެން ރަށްރަށް ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމަށާއި، ވެކްސިން ރަށްތަކަށް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި އަދި ލެބޯޓްރީ ސާމްޕަލް ލެބޯޓްރީ ނެތް ރަށްރަށުން އެޚިދުމަތް ލިބޭ ރަށްރަށް ގެންދިއުމަށް ބޭނުންކުރެވޭނެ އުޅަނދު ތަކެކެވެ.
މީގެ އިތުރުން މި އުޅަނދުތައް ތައްޔާރުކުރެވިފައިވަނީ އެމަރޖެންސީ ޙާލަތްތަކުގައި ބަލިމީހުން އުފުލަންޖެހިއްޖެ ޙާލަތެއްގައި އެކަމަށް ބޭނުންކުރެވޭނެފަދަ ގޮތަކަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގެންނަށް ހަމަޖެހިފައިވާ 7 ލޯންޗްގެ ތެރެއިން 3 ލޯންޗެއް މިހާރުވަނީ މާލެ ގެނެވިފައެވެ. އެޕްވެކްސް ޕްރޮޖެކްޓްގެ ދަށުން ގެނެވޭ ލޯންތަކާއެކު، ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ލޯންޗްތައް ފޯރުކޮށްދެވިގެންދާނެއެވެ.
އަދި ޖުމްލަކޮށް ޞިއްޙީދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.







