
ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް!
# އެޗްޑީސީ# ހުޅުމާލެ ފޭސް 2# ވަގުތީ މާރުކޭޓު-
ރަމަޟާން މަހަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އެޗްޑީސީން ވަގުތީ މާރުކޭޓު ހަދަނީ ދެވަނަ ފިޔަވަހީގައި ވިނަރެސް 8 ވަނަ ފްލެޓާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ސަރަޙައްދުގަ އެވެ. މި މަސައްކަތަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން، ފަސޭހަ ކަމާއިއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނެވޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެއެވެ.
މި ވަގުތީ މާރުކޭޓުގައި 24 ގޮޅި ހެދުމަށް ވަނީ ހަމަޖެހިފައެވެ. މާރުކޭޓުގެ ވަގުތީ އިމާރާތުގެ މަސައްކަތް އެޗްޑީސީން މިހާރު ކުރަމުން އަންނައިރު، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި މާރުކޭޓުގެ ގޮޅިތައް ދޫކުރުމުގެ މަސައްކަތް ކުރާނީ އެޗްޑީސީންނެވެ. އަދި އަމަލީ މަސައްކަތް ނިމުނުހާ އަވަހަކަށް އާއްމު އުސޫލުން ގޮޅިތައް ދޫކުރުމުގެ މަސައްކަތް އެޗްޑީސީން ފަށާނެ އެވެ.







