logoEN
Sto top
25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ޕާސިންގ އައުޓް ބާއްވައިފި

25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ޕާސިންގ އައުޓް ބާއްވައިފި

އަހުމަދު ޝުރާއު

logo

1/8/2026, 3:33:08 AM

# އެމްއެންޑީއެފް

-

ދިވެހި ރާއްޖޭގެ ކެޑޭޓުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ހިންގި 25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ޕާސިންގ އައުޓް ބާއްވައިފިއެވެ.

Wamco

ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

2025 ޑިސެންބަރު 27 އިން ފެށިގެން 12 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ކޭމްޕުގައި ރާއްޖޭގެ އެކި ސްކޫލުތަކުން، 120 ދަރިވަރުން ބައިވެރިވިއެވެ. މީގެތެރޭގައި ހިމެނެނީ، 90 ފިރިހެން ދަރިވަރުންނާއި 30 އަންހެން ދަރިވަރުންނެވެ. މީގެއިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ބަނގްލަދޭޝް އަދި ނޭޕާލް ހިމެނޭހެން، 16 ކެޑޭޓުންނާއި އެ ޤައުމުތަކުގެ ޑެލިގޭޝަންގައި ހިމެނޭ 4 އޮފިސަރުން ވަނީ މި ކޭމްޕަށް ޒިޔާރަތްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ކެޑޭޓުންނަށް ތަށްޓާއި ޝީލްޑް ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. 25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެ މޮޅު ފިރިހެން ކެޑޭޓްގެ މަޤާމު ހާސިލުކުރީ، ތާޖުއްދީން ސްކޫލުގެ، ކެޑޭޓް ކޯޕްރަލް ނާވީ ޙުސައިންއެވެ. އެންމެ މޮޅު އަންހެން ކެޑޭޓްގެ މަޤާމު ހާސިލުކުރީ ހަނިމާދޫ ސްކޫލުގެ، ކެޑޭޓް ކޯޕްރަލް އަޒްކާ އަހްމަދު ޙަމީދެވެ. އެކަޑެމިކް މާއްދާތަކުން އެންމެ މޮޅު ކެޑޭޓްގެ މަޤާމު ހާސިލުކުރީ ތާޖުއްދީން ސްކޫލުގެ، ކެޑޭޓް ކޯޕްރަލް ނާވީ ޙުސައިންއެވެ. އަދި އެންމެ މޮޅު ޕްލެޓޫންގެ މަޤާމު ހާސިލުކުރީ ޗާލީ ޕްލެޓޫންއެވެ.

އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މި ކޭމްޕުގައި ބައިވެރިވި ޤައުމުތަކުގެ ޑެލިގޭޝަންގެ އޮފިސަރުންނަށް މި ރަސްމިއްޔާތުގައި ވަނީ ބެޖު ހަވާލުކޮށްދެއްވާފައެވެ. އެފަރާތްތަކަށް ބެޖު ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމްއެވެ.

މި ކޭމްޕުގައި ކިޔަވައިދީފައިވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ. އަދި އެމްއެންޑީއެފްގެ މުދައްރިބުންނާއެކު، ޤައުމީ ކެޑޭޓް ކޯރގެ މުދައްރިބުންގެ ޓީމެއް މި ކޭމްޕްގައި ހަރަކާތްތެރިވެފައިވެއެވެ.

ކެޑޭޓް ކޭމްޕްގެ މަޤްޞަދަކީ، ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢުއަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެ ވެރިބަޔެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤަޢުމީ ރޫޙް އާލާކޮށް ދިރުވުމާއި، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފު ކޮށްދިނުމާއި، ޤައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުމާއި، އަދި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފުކޮށްދިނުމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ.އަޙްމަދު މުޙައްމަދުގެ އިތުރުން އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ އޮފިސަރ ޓްރެއިނިންގ ވިންގުގެ ކޮމާންޑިންގ އޮފިސަރ އަދި ކެޑޭޓް ކޯރގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާންއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުންނާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC