
-
ސަރުކާރުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ 14 ރަށެއްގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތައް އެމްޓީސީސީއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮައިކޮށްފައި އެވެ. އެގޮތުން މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.
މިއަދު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ނ.ހެނބަދޫ ، ނ ހޮޅުދޫ، ގއ ކަނޑުހުޅުދޫ އަދި ދ ބަނޑިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއާއި ނ.މާފަރު ހިއްކި ބިމުގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއާއި ރ.އުނގޫފާރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އާއި ހއ.މުރައިދޫ ބަނދަރު ބޭރުތޮށި ތަރައްޤީކުރުމުގެ މަޝްރޫޢު އާއި ހއ. އިހަވަންދޫ އަރޓިފިޝަލް ބީޗް ހެދުމުގެ މަޝްރޫޢު އާއި ނ. މާޅެންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔްތްކުރުމުގެ މަޝްރޫޢު އާއި ރ. އަލިފުށި އިންޑަސްޓްރިއަލް ޒޯން ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔްތްކުރުމުގެ މަޝްރޫޢު އާއި ހއ.ފިއްލަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއާއި ހއ.ވަށަފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ކ. ގާފަރު ގޮނޑުދޮށް ހިމާޔަތްކުރުމާއި ގދ. ފަރެސްމާތޮޑާ މަގުހެދުމުގެ މަޝްރޫޢު- ފޭސް 02 ގެ މަސައްކަތެވެ.
ނ.ހެނބަދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު
މި މަޝްރޫއު އެމްޓީސީއާއި ހަވާލުކުރީ 183,779,040.24 ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން 3.51ހެކްޓަރ ބިން ހިއްކުމާއި ބޯޓްބީޗިންގ އޭރިއާ ހެދުމާއި ސްވިމިންގ އޭރިއާ ހެދުމާއި 1126މ ރިވެޓްމެންޓް ޖެހުމާއި 130މ ގްރޮއިން ޖެހުމުގެ އިތުރުން 38މ ބްރެކްވޯޓަރ ޖެހުން ހިމެނެއެވެ.
ނ.ހޮޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 103,287,364.92ރުފިޔާ އަށް 450 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 2.27 ހެކްޓަރ ބިން ހިއްކުން، 137މ އެއްގަމު ތޮށި ޖެހުން، 7 މޫރިންގް ބޮއި ހަރުކުރުން، ރޭމްޕް ހެދުން، 293މ ބްރެކްބޯޓަރ ޖެހުން، 71މ ލޯކްރެސްޓް ބްރެކްވޯޓަރ ޖެހުން، 439މ ރިވެޓްމެންޓް ޖެހުން، 116މ ގްރޮއިން ޖެހުން، 6 މަގުބައްތި ހަރުކުރުމުގެ އިތުރުން 660އަކމީޓަރ ޕޭވްމެންޓްލުމެވެ.
ގއ. ކަނޑުހުޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔްތްކުރުމުގެ މަޝްރޫޢު
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 183,779,040.24 ރުފިޔާ އަށް 420 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 15.4 ހެކްޓަރ ބިން ހިއްކުމާއި 1394މ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 160މ ގްރޮއިން ޖެހުމުގެ މަސައްކަތެވެ.
ދ.ބަނޑިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު
މި މަޝްރޫއު ހަވާލުކުރީ 221,951,890.80ރުފިޔާއަށް 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 15.43 ހެކްޓަރުގެ ބިންހިއްކުމާއި 281މ ބޭރުތޮށި ޖެހުމާއި 1476މ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 250މ ގްރޮއީން ޖެހުމުގެ މަސައްކަތެވެ.
ނ.މާފަރު ހިއްކި ބިމުގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު
63,355,494.60 ރުފިޔާއަށް މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 1025މ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި 249މ ޖިއޯބޭގް ރިވެޓްމަންޓްޖެހުމުގެ އިތުރުން 290މ ގްރޮއީން ޖެހުމެވެ.
ރ.އުނގޫފާރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު
139,737,748.32ރުފިޔާއަށް މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 457މ އެއްގަމު ތޮށި ޖެހުން (އެލް. ސެކްޝަން)، 76މ އެއްގަމުތޮށި މަރާމާތުކުރުން، 01 ރޭމްޕް ހެދުން، 31 މަގު ބައްތި ހަރުކުރުން، 4097 އަކަމީޓަރު ދުވާރު ހެދުން، 180×2މ ގެ ކޮންކްރީޓް ޖެޓީއެއް ހެދުން، 153މ ރިވެޓްމަންޓް ޖެހުން، 507މ ބޭރުތޮށި ޖެހުން އަދި 50މ ގްރޮއީން ޖެހުމެވެ.
ހއ.މުރައިދޫ ބަނދަރު ބޭރުތޮށި ތަރައްޤީކުރުމުގެ މަޝްރޫޢު
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 54,809,497.80 ރުފިޔާއަށް 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 445މ ބްރެކްވޯޓަރ ޖެހުން، 40މ ސަބްމާރޖްޑް ބްރެކްޥޯޓަރ ޖެހުން، 93މ ރިވެޓްމެންޓް ޖެހުން، 88×2މ ގެ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ އިތުރުން 4 މަގުބައްތި ހަރުކުރުމެވެ.
ހއ. އިހަވަންދޫ އަރޓިފިޝަލް ބީޗް ހެދުމުގެ މަޝްރޫޢު
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 12,998,861.64ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކީ މޫދަށް އެރޭ ސަރަހއްދު ފުންކުރުމާއި 46މ ސަބްމާރޖްޑް ބްރޭކްވޯޓަރ ޖެހުމުގެ އިތުރުން 80މ ގްރޮއިން ޖެހުމެވެ.
ނ. މާޅެންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔްތްކުރުމުގެ މަޝްރޫޢު
63,621,026.64 ރުފިޔާއަށް މި މަޝްރޫއު ހަވާލުކުރީ 160 ދުވަހުގެ ތެރޭގައި މި މަޝްރޫއު ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކީ 3.93 ހެކްޓަރ ބިން ހިއްކުމާއި 594މ ރިވެޓްމެންޓް ޖެހުމާއި 30މ ގްރޮއިން ޖެހުމެވެ.
ރ. އަލިފުށި އިންޑަސްޓްރިއަލް ޒޯން ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔްތްކުރުމުގެ މަޝްރޫޢު
މި މަޝްރޫއު 106,148,965.32ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 4.60 ހެކްޓަރ ބިން ހިއްކުން- އިންޑަސްޓްރިއަލް ޒޯން އަދި ނެރު ފުންކުރުމާއި 294މ އެއްގަމުތޮށި ޖެހުމާއި 176މ ބޭރުތޮށި ޖެހުމާއި 588މ ރިވެޓްމެންޓް ޖެހުން އަދި 10 މަގު ބައްތި ޖެހުމާއިއެކު ޕޭވްމެންޓް ހެދުމުގެ މަސައްކަތެވެ.
ހއ.ފިއްލަދޫ ގޮނޑުދޮށް ހިމާޔަތްކުރުން
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 24,074,863.20 ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކީ 120މ ބޮޑު ހިލައިގެ ގްރޮއިން ޖެހުމާއި 329މ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމެވެ.
ހއ.ވަށަފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް 242,653,806.00 ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 20 ހެކްޓަރުގެ ބިން ހިއްކުން- އަލަށް ހިއްކާ ބިމުގައި 263މ ބޮޑު ހިލައިގެ ގްރޮއިން ޖެހުން، އަލަށް ހިއްކާ ބިމުގައި 1694މ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން، އަލަށް ހިއްކާ ބިމާއި ވަށަފަރާ ދޭތެރޭ 71މ ދިގު 6މ ފުޅާ ކޮންކްރީޓު ބްރިޖެއް ހެދުން، ވަށަފަރުގައި 328މ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޤާއިމުކުރުން، ވަށަފަރުގައި 115މ ބޮޑު ހިލައިގެ ގްރޮއިން ޖެހުމެވެ.
ކ. ގާފަރު ގޮނޑުދޮށް ހިމާޔަތްކުރުން
ސަރުކާރުން މި މަޝްރޫއު އެކުންފުންޏާއި ހަވާލުކުރީ 64,303,675ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ގޮނޑުދޮށް ވެލިން މުއްސަނދިކުރުމާއި 786މ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 136މ ބޮޑު ހިލައިގެ ގްރޮއިން ޖެހުމެވެ.
ގދ. ފަރެސްމާތޮޑާ މަގުހެދުމުގެ މަޝްރޫޢު- ފޭސް 02
މި މަޝްރޫއަކީ 255,218,190.44ރުފިޔާއަށް 1140 ދުވަހުގެ ތެރޭގައި ނިންމުމަށް އެކުންފުންޏާއި މިއަދު ހަވާލުކުރި މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ އައުމަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި ފެންހިންދާ ނިޒާމު ޤާއިމްކުރުމާއި މަގުތަކުގެ ސައިންބޯޑު އަދި މަގު ބައްތި ޖެހުމުގެ މަސައްކަތެވެ.







