
-
ހޯމް ނާސިން ކެއާ ނުވަތަ ގޭގެ އަށް ގޮސް ބަލި މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެ ހިދުމަތް ފަށާނީ އަންނަ ރޯދަ މަސް ނިމުމުން ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން އިއްޔެ ބުނެފި އެވެ.

އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރު، ޑރ. އައިމިނަތު ޒޭބާ އަހުމަދު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހިދުމަތް ފެށުމާ އެކު، އައިޖީއެމްއެޗުގައި ބާއްވައިގެން ފަރުވާދޭ މީހުންގެ ތެރެއިން ގެއަށް ދޫކޮށްލުމަށް ފަހު ވެސް އެހީ ބޭނުންވާނެ ކަމަށް ޑޮކްޓަރުންނަށް ފާހަގާވާ މީހުންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޒިޔާރަތް ކުރާނެ ކަމަށެވެ.
"ހޮސްޕިޓަލުން ފޮނުވާލާއިރުގައި އޭގެ ތެރެއިން އާންމުކޮށް އެނދުމަތިވެފައި ތިބޭ ބަލި މީހުންނަށް ދޭންޖެހޭނެ ގޭގެ ތެރެއިން ބައެެއް ފަރުވާތައް އާއިލާގެ މީހުން ވެސް ކުރަންޖެހޭ. ބައެެއް ފަހަރު ކަންތައްތައް ވާގޮތުން ބަލި މީހުންނަށް އިތުރަށް ގޯސްވެގެން އަނެއްކާ ހޮސްޕިޓަލަށް އެބަ ގެންނަންޖެހޭ ވަރަށް އަވަހަށް،" ޒޭބާ ވިދާޅުވި އެވެ.
މިއީ ބަލި މީހާ އަނބުރާ ހޮސްޕިޓަލަށް ގެންދިއުމަށް އޮންނަ ރިސްކު ކުޑަކޮށްދިނުން ފަށާ ހިދުމަތެއް ކަމަށްވެސް ޒީބާ ވިދާޅުވިއެވެ. އެކި ފޭސްތަކަށް ބަހާލައިގެން މި ފަށާ މި މަސައްކަތުގެ ތެރެއިން މިއަދު ކުރިޔަށްދަނީ މި ކަމަށް ބޭނުންވާ ޕްރޮޓޮކޯލްތަކާއި ޕްލޭންތަކާއި ގައިޑްލައިންތައް ހެދުމުގެ މަސައްކަތް ކަމަށްވެސް ޒޭބާ ވިދާޅުވިއެވެ.
ޒޭބާ އިތުރަށް ވިދާޅުވީ ގޭގެ އަށް ޒިޔާރާތް ކުރާނެ ނަރުހުންގެ ޓީމު ތަމްރީނު ކުރުމުގެ މަސައްކަތް މި މަހު ފެށޭނެ ކަމަށާއި ހިދުމަތުގައި ބައިވެރިވުމަށް ނާސިން ޕޫލެއް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު ބޮޑަށް ހަރަކާތްތެރިވާނީ އޯޕީޑީގައި އުޅޭ ނަރުހުން ކަމަށެވެ.
އެހޮސްޕިޓަލުން މަސައްކަތްކުރަމުންދަނީ މި ހިދުމަތް އަންނަ ރޯދަ މަސް ނިމުމުން ފެށުމަށެވެ. އަދި އަންނަ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް ކުރީކޮޅު ހިދުމަތް ފެށޭނެ އިންތިޒާރުތައް ފުރިހަމަކުރުމަށެވެ.







