
ސަރުކާރުން އިސްކަންދެނީ ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކޮށް ޖަވާބުދާރީވަނިވި ގޮތެއްގައި ނަތީޖާ ހާސިލުކުރުމަށް - ޒަމީރު
# މޫސާ ޒަމީރު-
މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އިސްކަންދެނީ ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކޮށް ޖަވާބުދާރީވަނިވި ގޮތެއްގައި ނަތީޖާ ހާސިލުކުރުމަށްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިފަދައިން ވިދާޅުވީ ހއ. ދިއްދޫ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އަސާސީ އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަމަލީކޮށް ފައްޓަވައިދެއްވުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެވެ.
ދިއްދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫއަކީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ، އަމަލީ ނަތީޖާއަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި ބިން ހިއްކުމަކީ ހަމައެކަނި ބިން އިތުރުކުރުން ނޫން ކަމަށާއި، އޭގެ ސަބަބުން ހިދުމަތްތައް ހޯދުމަށް ފަސޭހަވެ، އާންމު ހިދުމަތްތައް ވަރުގަދަވެ، ދިއްދޫގެ އިތުރުން ކައިރި ރަށްތަކަށް ވެސް އޭގެ ފައިދާ ކުރާނެ ގޮތަށް ރޭވުންތެރިކަމާއެކު ކުރިއަށްދާ ތަރައްގީގެ މަޝްރޫއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެއާޕޯޓް ތަރައްގީކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވައިގެ މަގުން ގުޅާލެވުމުން ސިއްހީ ހިދުމަތްތައް ހޯދުމަށް ފަސޭހަވެ، ދަރިވަރުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ދަތުރުފަތުރަށް ލުއިލިބި، ވިޔަފާރި ފުޅާވެ، ސަރަހައްދީ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ރައްކާތެރި ބޯހިޔާވަހިކަމާއި ފުރިހަމަ ވަސީލަތްތަކާއެކު ދިރިއުޅެވޭނެ މުޖުތަމައެއް ބިނާކުރުމަށްޓަކައި، ރޭވުންތެރިކަމާއެކު ބޯހިޔާވަހިކަން ތަރައްގީކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކަރަންޓާއި، ފެނާއި، ނަރުދަމާއާއި، ކުނި މެނޭޖުކުރުމާއި، މަގުތައް ހެދުން ފަދަ އަސާސީ ހިދުމަތްތަކަކީ އާންމު ސިއްހަތާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމަށެވެ. އަދި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އިސްކަންދެނީ ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކޮށް، މަސައްކަތްތައް ތަރުތީބުކޮށް، ޖަވާބުދާރީވަނިވި ގޮތެއްގައި ނަތީޖާ ހާސިލުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މި މަޝްރޫއަކީ ރަށްރަށުގެ މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި، ހިދުމަތްތައް ހޯދުމުގައި ހުރި ފަރަގުތައް ކުޑަކުރުމަށާއި، ދައުލަތުގެ މާލީ ނިޒާމަށް ބުރަ ނުވާނެހެން ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ކުރެވޭ ގައުމީ މަސައްކަތުގެ ބައެއް ކަމަށް ވިދާޅުވަމުންނެވެ. މި މަސައްކަތުގެ ސަބަބުން ދިއްދޫއަކީ އުތުރުގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، މީގެ ސަބަބުން އާ ފުރުސަތުތައް ހުޅުވި، ރައްޔިތުންގެ އާމްދަނީ އާއި ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރާއި، މިމަޝްރޫއު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ މަންދޫބުންނާއި، ދިއްދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ގުޅުންހުރި

އިސްކަންދެނީ ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކޮށް ޖަވާބުދާރީވަނިވި ގޮތެއްގައި ނަތީޖާ ހާސިލުކުރަން

ދިވެހި ކުންފުނިތަކުން ޤަަވައިދުން ޓެކްސް ދައްކަމުންދޭ - ޒަމީރު

އެމްޑީޕީގެ މުޒާހަރާއާއިހެދި މީހުންގެ ދިރިއުޅުމަށް ދަތިވި، މުޒާހަރާކުރަންވީ ގާނޫނީ އިމުގެ ތެރެއިން - ޒަމީރު





