
-
އެމެރިކާއިން ކުރަން ބޭނުންކަމެއް ކޮންމެ ވަގުތަކު ކޮންމެ ތާކުވެސް ކުރެވޭނެކަން މިއަދު މުޅި ދުނިޔެއަށް ދައްކާލެވިއްޖެކަމަށް އެމެރިކާގެ ޑިފެންސް ސެކެޓްރީ ޕީޓް ހެގްސެތު ބުނެފި އެވެ.

ޕީޓް ހެގްސެތު މިފަދައިން ބުނީ އެމެރިކާގެ އަސްކަރިއްރާއިން ވެނެޒުއޭލާއަށް ގަވާއިދާ ހިލާފަށް ވަދެ ރައީސް ނިކޮލަސް މަޑޫރޯއާ އާއި އޭނާގެ އަނބިކަނބަލުން "ވަގަށް" ނެގި އޮަޕަރޭޝަނަށް އިޝާރާތްކުރައްވައި އެ އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް ޑޮނަލްޑް ޓްރަމްޕާއިއެކު ބޭއްވި ނޫސްވެރިންގެ ބައްެދަލުވުމުގައި ދެއްކި ވާހަކައިގައި އެވެ.
އެގޮތުން ޕީޓް ބުނީ ވެނެޒުއޭލާގައި ހިނގާދިޔަ ކަންކަމުން ދައްކައިދެނީ އެމެރިކާއިން ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް، ކޮންމެ ވަގުތަކުވެސް ކުރުމުގެ އިޚްތިޔާރު އޮތްކަން ކަމަށާއި އެކަން މިއަދު މުޅި ދުނިޔެއަށް އިނގިގެން ގޮސްފައިވާކަމަށެވެ. އެގޮތުން މިއަދު ވެނެޒުއޭލާގައި ހިނގާދިޔަ ކަންކަމަކީ އެމެރިކާގެ އަސްކަރިއްޔާގެ ވަރުގަދަކަމާއި އަދުލު އިންސާފު ގާއިމްކުރުމަށް އެމެރިކާއިން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމުގެ ހެކި ކަމަށް އޭނާ ބުންޏެވެ.
މަޑޫރޯ އެމެރިކާ ސިފައިންގެ ހައްޔަރުގައި ހުރި ފޮޓޯއެއްވެސް މިރޭ ޓްރަމްޕު ވަނީ އާންމުކުރައްވާފައި އެވެ.
ވެނެޒުއޭލާގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޓްރަމްޕާއި އޭނާގެ ކެބިނެޓުގެ ކަމާބެހޭ ވަޒީރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ވެނެޒުއޭލާގެ ހިންގުން ރައްކާތެރި ވެރިކަމެއް ބަދަލުވަންދެން ވެނެޒުއޭލާގެ ވެރިކަން ބަލަހައްޓާނީ އެމެރިކާއިން ކަމަށެވެ.
"ރައްކާތެރި، ރަނގަޅު ޓްރާންސިޝަނެއް ލިބެންދެން ވެނެޒުއޭލާ ހިންގާ އަހަރަމެން" ޓްރަމްޕު ވިދާޅުވިއެވެ. އެގޮތުން އެގައުމުގެ ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ އެމެރިކާގެ ފޮރިން ސެކެޓްރީ މާކޯ ރޫބިއޯއާއި ޑިފެންސް ސެކެޓްރީ ޕީޓްކަމުގެ އިޝާރާތެއްވެސް ޓްރަމްޕު ދެއްވި އެވެ. "އަހަރުމެން ބޭނުމެއް ނޫން އެހެން މީހަކު އެ މަގާމާ ހަވާލުވެ އެތައް އަހަރެއް ވަންދެން އޮތް ހާލަތަކަށް ދާކަށް." ޓްރަމްޕު ވިދާޅުވިއެވެ.
ޓްރަމްޕު މީގެ ކުރީން ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާއަށް މަސްތުވާތަކެތި ވެއްދުމަށް އެހީތެރިވަމުންދާކަމަށް ތުހުމަތުކުރައްވާފައި އެވެ. ނަމަވެސް މަޑޫރޯ ތުހުމަތުކުރައްވަނީ ޓްރަމްޕު ވެނެޒުއޭލާގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރައްވައި އެގައުމުގެ ތެލުގެ ރިޒާވްގެ ކޮންޓްރޯލް ނެގުމެވެ.
އެމެރިކާގެ މިއަމަލުތަކާއިއެކު އެމެރިކާ ބައްރުގެ ހަމަޖެހުމަށް ބުރޫއަރާފައިވާކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން އެމެރިކާއަށް ވެނުޒިއޭލާއިން ހަމަލާތަކެއް ދިނުމަށް ނިންމާފައިވާކަމަށް އެގައުމުގެ ނޫސްތަކުން އަންނަނީ މިހާރު ރިޕޯޓުކުރަމުންނެވެ.







