
ސޫދާން ބަލިކޮށް ސެނަގާލް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
# އެފްރިކާ ކަޕް އޮފް ނޭޝަން# ބޭރު ދުނިޔޭގެ ކުޅިވަރުސެނަގާލް އާއި ސޫދާން ވާދަކުރި މެޗުގެ ތެރެއިން..
މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަން ދެވަނަ ބުރުގައި ސޫދާން އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ސެނަގާލް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުން ސެނަގާލް ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ސޫދާން ދެވަނަ ބުރުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު ގުރޫޕް އީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސެނަގާލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސޫދާން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އާމިރު އަބްދުﷲ އެވެ.
ސެނަގާލް އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ޕަޕް ގްއޭއި ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ގްއޭއި ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސެނަގާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ސެނަގާލް އިން ލީޑު ފުޅާކުރި ލަނޑު ފަހުހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމު ޒުވާން ފޯވާޑް އިބްރާހިމް އެމްބާއޭ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ސެނަގާލް ކުރީގައި އޮވެގެންނެވެ.






.jpg&w=3840&q=75)

