
ތުޅާދޫ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ ހުރިހާ މަސައްކަތް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް އަންނަ މަހު ކުރިމަތިލާން ހުޅުވާނީ
# ބ. ތުޅާދޫ-
ތުޅާދޫ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ ހުރިހާ މަސައްކަތް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް ޖެނުއަރީ 11 ގައި ކުރިމަތިލާން ހުޅުވާލަން ހައުސިންގް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި ޤާއިމުކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށްޓަކައި، 2022 ވަނަ އަހަރު ވަނީ އިޢުލާންތަކެއް ކުރެވިފައިވާ ކަމަށާއި މި އިޢުލާންތަކުގައި ވާ ކަންކާމެދު ބ. ތުޅާދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެމަސައްކަތް މުރާޖައާކުރަން އަންގާފައިވާ ކަމަށެވެ. ނަމަވެސް ބ. ތުޅާދޫ ކައުންސިލުން އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ނުވުމުން، މި މަސައްކަތް ވީހާވެސް އިންސާފުވެރި އަދި ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީގެ އިޢުލާން ނަންބަރު (IUL)491/491/2025/159 (27 ނޮވެންބަރު 2025) ގައިވާ ފަދައިން، މި ހައުސިންގ ޔުނިޓްތައް ދޫކުރުމުގެ އެންމެހައި ކަންކަން ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވާކަމަށެވެ.
މިކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޛުކުރުމަށްޓަކައި، އުޞޫލު ނަންބަރު 33-ޖީ/2025 (ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީން މިހާރު ވަނީ ޝާއިޢުކުރެވިފައެވެ.
މި އުޞޫލުގައި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތަކާއި، ޕޮއިންޓުދެވޭނެ ގޮތުގެ ތަފްޞީލު ހިމަނާފައިވާނެއެވެ. މި ގޮތުން އުޞޫލަށް ގެނެވުނު މައިގަނޑު ބަދަލުތަކަކީ:
- މަސްދުވަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60,000/- (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން.
- ޚާއްސަ އެހީއަށް ނުވަތަ އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ އެއް ފަރާތަށްވުރެ ގިނަ ފަރާތް ބަލަހައްޓަމުންއަންނަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ޕޮއިންޓު ހިމެނުން.
- ބ.ތުޅާދޫ ރަށްވެހިންނާއި ބ.ތުޅާދޫއަށް ހިޖުރަކޮށްގެން، ބ.ތުޅާދޫގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 10 އަހަރު ވެފައިވާ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ޕޮއިންޓު ހިމެނުން.
- މައިންބަފައިން ބަލަހައްޓަމުންދާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ފޮއިންޓު ހިމެނުން.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހިރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމުން، ބ. ތުޅާދޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް (www.hiyaavehi.housing.gov.mv) ފޯމު ހުށަހެޅުމުގެ ފުރުޞަތު 11 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ސްކީމާބެހޭ އިތުރު މަޢުލޫމާތު އުޞޫލު ނަންބަރު -33ޖީ/2025 (ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގައި ހިމެނިފައިވާނެ ކަމަށާއި ފޯމު ހުށަހެޅުމަށް އެދޭ ފަރާތްތަކުން، 11 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 11 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ ރޭގެ 23:59ގެ ނިޔަލަށް ސްކީމްގެ އެޕްލިކޭޝަން ހުށަހެޅޭނެކަން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ
އަދި . މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ނުވަތަ މިނިސްޓްރީގެ 4004919 ނަންބަރަށް ގުޅުއްވައިގެން ކުރިޔަށް ގެންދެވުމަށް ވަނީ އެދިފައި އެވެ.
ގުޅުންހުރި

ތުޅާދޫ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ ހުރިހާ މަސައްކަތް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް އަންނަ މަހު ކުރިމަތިލާން ހުޅުވާނީ
.jpeg&w=3840&q=75)
ތުޅާދޫ ރައްޔިތުން ދިގު އިންތިޒާރެއްކުރަމުންދާ އެއާޕޯޓްގެ އުންމީދު ހަގީގަތަކަށް ހަދައިދޭނަން - ރައީސް





