
"ހޯޕް އައިލެންޑް"ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަނީ
# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ# ރައީސް މުއިއްޒު# ދާޚިލީ ވަޒީރު# ހޯޕް އައިލެންޑްފޮޓޯ: ޕޮލިސް
"ހޯޕް އައިލެންޑް"ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މި މަހުގެ 18ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒިރު ވިދާޅުވީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ހޯޕް އައިލެންޑަށް އިންވެސްޓްކުރާނެ ބަޔަކު މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ.
އަދި އެ ފަރާތާއެކު ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބައްދަލުވުންތައް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރޭގައި ޤާއިމްކުރަން ޖެހޭ އެންމެ ފަހު މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރަން ޖެހޭތަން ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.
"ހޯޕް އައިލެންޑް" ދ. ވާނީގައި ތަރައްޤީކުރުމަށް ނިންމާފައި އޮތްނަމަބެސް މިހާރު އެތަން ތަރައްޤީކުރުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ.
އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްޤީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ. އެގޮތުން އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓަކާއި ތަޢުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްޤީ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން އެތަނުގައި 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއި އެކި ކަހަލަ ހަފްލާތައް ބޭއްވުނަށް ޚާއްސަ ސަރަޙައްދަކާއި އެތަނަށް ގެންނަށްކުދިންނާ ބެލެނިވެރިންނަށް ބައްދަލުކުރުމަށް ޚާއްސަ ސަރަޙައްދެއްވެސް ތަރައްޤީކުރާނެއެވެ. ހޯޕް އައިލެންޑް ތަރައްޤީކުރަނީ މި ހުރިހާ ޚިދުމަތްތައް ހިމަނޭހެން އަސާސީ ހުރިހާ ޚިދުމަތްތަކާއެކުގައެވެ.
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު ނުވަތަ ހޯޕް އައިލެންޑް" މަޝްރޫޢަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
ހޯޕް އައިލޭންޑްގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދެވޭނެއެވެ. އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
ހޯޕް އައިލެންޑަށް ގެންދާކުދިން ޢުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅެވޭނެ އިންތިޒާމު ކުރެވޭނެއެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭނެ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދެވޭނެކަންވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި

"ހޯޕް އައިލެންޑް"ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަނީ

ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްސަ ގޮތްތަކެއް ދެއްވަން ނިންމަވައިފި





