
ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްސަ ގޮތްތަކެއް ދެއްވަން ނިންމަވައިފި
# ރައީސް މުއިއްޒު# މެޑަމް ސާޖިދާ މުޙައްމަދު# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްސަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިވެހީން ދިވެހީންނަށްވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިން ކިޔާނެ ފޮތްތައް ލިޔުއްވަން ބޭނުންވާ ފަރާތްތަކާއި މިހާރުވެސް ފޮތްތައް ލިޔުއްވަމުންދާ ފަރާތްތައް ތިއްބެވިކަން ފާހަގަކުރައްވާ، އެފަދަ ފޮތްތައް ޗާޕްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތައް ހުރިކަމުގެ ކަންބޮޑުވުން އެތައް ފަރާތްތަކަކުން ފާޅުކުރައްވަމުން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކީ ޤައުމީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެކަމާ އަޅާނުލައްވާ ދޫކޮށް ނުލައްވާނެ ކަމަށެވެ.
އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިދާއިރާ ކުރިއަރުވަން ސަރުކާރުން ދެއްވާ ސަމާލުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ޢިލްމީ އަދަބީ އަޚްލާޤީ އަދި ސަގާފީ އިންޤިލާބީ ބަދަލެއް ގެނައުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީޚު ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިންމުކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން ދާކަމަށާއި ރާއްޖޭގައި ކުޑަކުދީން ބަލާނެ ކާޓޫނު ފިލްމު، ޤައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުން އެކަން ބައެއް ބޭފުޅުން ފާހަގަކުރައްވާ ކަމަށެވެ.
އެކަމަށް ޙައްލު ގެނެސް ދެއްވުމުގެ ގޮތުން، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަ ކުދީންނަށް ޚާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު ހުޅުވާލައްވާނެކަން އެމަނިކުފާނު މިރޭ އިޢުލާންކުރެއްވިއެވެ.
ރޭ ނަތީޖާ ފާޅުކުރެވުނު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތް މިހާތަނަށް ކުރިއަށްގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭ މުބާރާތެއްގެ ގޮތުގައެއް ނޫން ކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަވާނެ މުބާރާތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަން އިއުލާންކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ އަދަބީ މުބާރާތުގައި ބައިވެރިވި ކުދީންގެ ކިބައިގައިވާ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް ކަން ހަނދާންކޮށްދެއްވާ އެކުއްޖަކަށް ލިބިފައިވާ އަދަބީ ޤާބިލުކަން ދިވެހި ޤައުމާ އެއްކޮޅަށް އަބަދުވެސް ބޭނުން ކުރެއްވުމަށް ގޮވާލައްވަމުންނެވެ.
ރޭ ބޭއްވި ޤައުމީ އަދަބީ މުބާރާތްތަކުން އެއްވަނައަށް ހޮވުނު ބޭފުޅުންނާއި ދަރިވަރުންނަށް އަދި މުބާރާތްތަކުން 1 ވަނައަށް ހޮވުނު އޮފީސްތަކާއި ސްކޫލްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި ދެވަނައަށް ހޮވުނު ފަރާތްތަކަށް އިނާމުދެއްވީ ރައީސުލްޖުމްހުރިއްޔާ ގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

ދިވެހި ބަހުގެ އެކެޑަމީން ކުރިއަށް ދިޔަ ޤައުމީ އަދަބީ މުބާރާތްތަކުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޤައުމީ ފެންވަރުގައި މިއީ ބޭއްވުނު ފުރަތަމަ ފަހަރެއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ދިވެހި ބަހުގެ އެކެޑަމީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

"ހޯޕް އައިލެންޑް"ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަނީ

ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްސަ ގޮތްތަކެއް ދެއްވަން ނިންމަވައިފި





