
-
ދަންވަރާއި ފަތިހުގެ ވަގުތުތަކުގައި ބޭރުގައި އުޅޭ ބިދޭސީނާ ސުވާލުކޮށް ޗެކްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުކުރެއްވުމުގައި އާންމު ރައްޔިތަކު ވަނީ ބިދޭސީން ދަންވަރާއި ފަތިހުގެ ވަގުތުތަކުގައި މަގުތަކުގައި އަޑުގަދަކޮށް އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރާ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާއި ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާތީ, ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުންއަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއިއެކު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަވެސް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައި އެވެ.







