
-
ޖަރުމަނުގެ ލެޝާ އެއާލައިނެއް ކަމަށްވާ ޑިސްކަވަރ އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ޑިސްކަވަރ އެއާލައިންސްއިން ރާއްޖެއަށް ރަސްމީކޮށް ދަތުރުތައް ފެށީ އިއްޔެ އެވެ. އެގޮތުން މި އެއާލައިނަށް ހިދުމަތްދޭން ނިންމާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕަސެންޖަރ ޓާމިނަލުންނެވެ. މިއާއިއެކު ޑިސްކަވަރ އެއާލައިންސް ވެގެން ގޮސްފައިވަނީ އައު ޓާމިނަލުން ހިދުމަތް ދޭންފެށި 31 ވަނަ އެއާލައިންއަށެވެ.
ޓާމިނަލް 1 އިން ޑިސްކަވަރ އެއާލައިންސްއިން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އާރްޑީސީގެ އެމްޑީ އިބްރާހިމް ނާޒިމް އެވެ.
ރަސްމިއްޔާތުގައި ޑިސްކަވަރ އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ އާއި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ޑިސްކަވަރ އެއާލައިންސްގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޑިސްކަވަރ އެއާލައިންސްގެ އެއާގެ ފުރަތަމަ ފްލައިޓްއިން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ޑިސްކަވަރ އެއާލައިންސް އާއިއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 31 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.







