
-
ދުނިޔޭގެ ބާޒާރުގައި ދޮށީގެ މަސްވެރިކަމުން ބާނާ މަސް ވިއްކުމާއި އަގު ކަނޑައެޅުމުގެ ފުރިހަމަ ބާރު ދިވެހިރާއްޖެއަށް ލިބެންޖެހޭ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރު މުޅި ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގައި ގާތްގަނޑަކަށް 40 އިންސައްތަ ބާނާފައިވަނީ ދިވެހިރާއްޖެއިން ކަމަށެވެ.
ވަޒީރު ވިދާޅުވީ ޖަޕާނުން ދޮށީގެ މަސްވެރިކަމުގައި ބާނާ މަހެއް އެއްވެސް ގޮތަކަށް އެކްސްޕޯޓެއް ނުކުރާކަމަށެވެ. އެހެންވީމާ އެކްސްޕޯޓު ބާޒާރުގައި ދޮށީގެ މަސްވެރިކަމުގައި ބާނާ މަހުގެ ދިވެހިރާއްޖޭގެ ހިއްސާ 50 އިންސައްތައަށްވުރެ ވެސް ބޮޑު ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެން ނަމަވެސް ދިވެހިރާއްޖެއަށް އަގު ކަނޑައެޅުމުގެ ބާރު ނެތް ކަމަށެވެ. އެހެންވާން ޖެހޭ މައިގަނޑު އެއް ސަބަބަކީ ދިވެހިރާއްޖޭގައި ރޯމެޓީރިއަލް ހިފެހެއްޓޭނެ ގޮތެއް ނެތުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިވަގުތު ދިވެހިރާއްޖޭގެ ލޭންޑްބޭސްޑް ފެސިލިޓީތަކުގެ ޖުމްލަ ކެޕޭސިޓީ އަކީ 9,500 ޓަނު ކަމަށާ ދިވެހިރާއްޖެއިން އަހަރެއްގެ ތެރޭ 120،000 ޓަނު ބާނަކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ 70 އިން ސައްތަ ގަންނަނީ މިފްކޯއިން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް މިފްކޯގައި މިވަގުތު ހުރީ އެންމެ 4200 ޓަނު ސްޓޯރޭޖް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަސް އަހަރު ނިމޭއިރު ދިވެހިރާއްޖޭގައި އެއްފަހަރާ 25000 ޓަނު މަސް ރައްކާކުރެވޭނެ ގާބިލްކަން އިތުރުކުރެވިގެންދާނެ ކަމަށާ އެކަމަށް ގިނަ މަޝްރޫއުތަކެއް ރޭވިފައިވާ ކަމަށެވެ. އައު ޓެކްނޮލޮޖީއާއި އެކު އިންގިލާބީ ބަދަލެއް މަސްވެރިކަމުގެ ސިނާއަތަށް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ނަފާ މިހާރު ލިބޭ 92 މިލިއަން ޑޮލަރުން 190 މިލިއަން ޑޮލަރަށް އުފުލިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުންހުރި

ސަރުކާރުން މަސައްކަތްކުރަނީ އިންޑިއާ ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ރާއްޖެ އޮތުމަށް - ޝިޔާމް

އިތުރު ނުވަ ސަރަޙައްދަކުން މަސްވެރިންނަށް ހެޔޮއަގުގައި މިހާރު ތެޔޮ ލިބޭނެ - ޝިޔާމް

ހިތަދޫ އުތުރަކީ ޕީއެންސީއަށް ވަރަށް ބޮޑަށް ތާއީދު އޮތް ދާއިރާއެއް، އިންތިހާބުގެ ކެމްޕެއިނަށް ވަރަށް ފުރިހަމައަށް ޕާޓީ ތައްޔާރު - ޝިޔާމް




