
މިނިސްޓްރީތަކެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ!
# ފިނޭންސް މިނިސްޓްރީ-
މާލޭގައި ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތްތަކުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީ ޕެކޭޖެއް ހަދިޔާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ޗައިނާއިން ރާއްޖެއަށް ދިން ކުއްލި އެހީގެ ޕެކޭޖްގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރުވެސް ހިމެނޭހެން 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ހިމެނެއެވެ.
އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި އެހީގެ ހެންޑޯވަރ ސެޓްފިކެޓްގައި ސޮއިކުރައްވައި، ރަސްމީކޮށް ދިވެހި ސަރުކާރަށް އެހީގެ ތަކެތި ބަދަލުކުރުން ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވަނީ މިނިސްޓްރީތަކުގެ މަސައްކަތަށް ބުރޫއެރުމާ ގުޅިގެން ޗައިނާގެ ފަރާތުން ދެއްވި ކުއްލި އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރުއަދާކުރައްވާފައި އެވެ.ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ޢަމަލީ އެހީތެރިކަމެއް ނޫން ކަމަށާއި، އެއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ. ވަޒީރު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްޤީއާއި، ތަރައްޤީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ޗައިނާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮތް އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވެފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ދެޤައުމަށް ވެސް ފައިދާވާނެ ގޮތަކަށް ޗައިނާއާ އެކު އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ދިވެހިރާއްޖެއިން ޢަޒުމު ކަނޑައަޅާފައިވާކަން ތަކުރާރުކުރައްވާފައެވެ.
ގުޅުންހުރި

މިނިސްޓްރީތަކެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ!

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން އާއި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ!

އެސް.ޑީ.އެފްއަށް ފައިސާ ޖަމާކުރުން އިތުރުވެއްޖެ





