
މަސާޖު ޕާލާތަކަކުން 4 ބިދޭސީން ހައްޔަރުކޮށްފި
# މޯލްޑިވްސް އިމިގްރޭޝަން# މަސާޖު ޕާލާ# ފުލުހުން# ބިދޭސީންފޮޓޯ: އިމިގްރޭޝަން
4 މަސާޖު ޕާލާއެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތްދަނީ ކުރައްވަމުންނެވެ.
އިމިގްރޭޝަނުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި ރޭގެ ވަގުތެއްގައި މާލޭގައި ހިންގަމުންދިއަ ހަތަރު މަސާޖު ޕާލާއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ވަނީ އަޅާފައެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.







