
މީޑީއާތަކުގެ ތެލެތޯންއިން އެއްކުރި ފައިސާއާއި ދިވެހި ސަރުކާރުގެ ފަރާތުން ދޭން ނިންމި އެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްފި
# ފޮރިން މިނިސްޓްރީ# ސިލޯނާއެކު ދިވެހީން-
"ޑިތުވާ" ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ދިމާވި ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި ދިވެހިންގެ ފަރާތުން ހަދިޔާކުރާ އިންސާނީ އެހީ ސްރީލަންކާ ގެ ސަރުކާރާ ރަސްމީކޮށް މިއަދު ވަނީ ހަވާލުކޮށްފައެވެ.

ޑިތުވާ ތޫފާނުގެ ސަބަބުން ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި އަދި އާންމު ދިވެހިން ގުޅިގެން ގިނަ އަދަދެއްގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ސަރުކާރުން ފޯރުކޮށްދިން 50،000 އެމެރިކާ ޑޮލަރު ގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ އާއި އެހެނިހެން އަމިއްލަ މީޑިއާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 834,843.98 އެމެރިކާ ޑޮލަރު ހިމެނެއެވެ.
ފައިސާގެ އެހީ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އިން އުފައްދާފައިވާ 25،000 ކޭސް މަސްދަޅު (1،232،166.02 އެމެރިކާ ޑޮލަރު) ސްރީލަންކާ ސަރުކާރާ ހަވާލުކުރެއްވީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް މަސްޢޫދު ޢިމާދެވެ. މި 25،000 ކޭސް މަސްދަޅު ސްރީލަންކާއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން، އެ ކުންފުނީގެ އެމް.އެސް.އެސް. ގަލީނާ ބޯޓުގައެވެ.
ދިވެހި ސަރުކާރުން ފޯރުކޮށްދިން މި އެހީގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން، ސްރީލަންކާގެ ހާލުގައި ޖެހުނު އާއިލާތަކަށް މިހާރުން މިހާރަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށްޓަކައި ކޮޅުނބުގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ ގައި މިހިނގާ ޑިސެމްބަރު މަހުގެ 1 އިން 5 ގެ ނިޔަލަށް ތަކެތި ހަދިޔާކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ތަކެތި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ ގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އާއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން އުއްމީދުކުރަނީ، ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މި އެހީ އިން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެކަމަށް ކަމަށާއި އަދި ރާއްޖޭގެ ގިނަ ފަރާތްތަކުން ގުޅިގެން ސްރީލަންކާއަށް އެހީވުމަށް މި ކުރެވުނު މަސައްކަތްތައް ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ބަދަހި ގުޅުމެއް ކަމަށެވެ.
އަދި ސްރީލަންކާގެ އިންސާނީ، އިޖްތިމާޢީ އަދި ތަރައްޤީގެ މަޝްޢޫރުތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދީ އެހީތެރިވާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ އަރުވާފައި އެވެ.
ގުޅުންހުރި
-1768927769896.webp&w=3840&q=75)
ރާއްޖެއިން ސީޝެލްސް އަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އަބްދުއްރަހީމްގެ ސަފީރު ކަމުގެ ފަތްކޮޅު ޕުޓިންއަށް އަރުވައިފި
-1768067878222.webp&w=3840&q=75)
ކުދި ގައުމުތަކުގެ ސިޔާދަތު ރައްކާތެރިކުރުމަށް ރާއްޖެއިން އޯއައިސީގައި ގޮވާލައިފި





