
-
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ"ގެ މި އަހަރުގެ ތަމްރީނުތައް މިއަދު ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި އެކްސަސައިޒް ނިންމުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ޑީބްރީފިންގ ޝަރަފުވެރިކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ކާނަލް އަޙްމަދު ޠާހިރުއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނަދީމް އިބްރާހީމް ބައިވެރިވެލެއްވިއެވެ.
ނޮވެންބަރު 23އިން 24އަށް ކުރިއަށްގެންދިޔަ މި އެކްސަސައިޒަކީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން 2013ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންގެންދާ އެކްސަސައިޒެކެވެ.
މި އެކްސަސައިޒުގައި، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރު އަދި ލިބިފައިވާ ވަސީލަތްތައް އަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ހުނަރުވެރިކަމާ އެކު ހައްލުކުރާނެ ގޮތްތައް ފަރިތަކުރުމުގެ އިތުރުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ވަނީ މަސައްކަތްކޮށްފައެވެ.
މި އެކްސަސައިޒްގެ ތަމްރީނުތައް މާލެއާއި، ހުޅުމާލޭގެ އިތުރުން، ވިލިމާލެއާއި، ތިލަފުށީގައި އަދި މާލެކައިރީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިރު، އެ ތަމްރީނުތަކުގައި، ހައިރައިޒް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ރެސްކިޔު އޮޕަރޭޝަންތަކާއި، ހެޒްމެޓް އޮޕަރޭޝަންގެ އިތުރުން ރޯޑް އެކްސިޑެންޓްތަކުގައި ބޭނުންކުރާ އިމަޖެންސީ ޕްރޮސީޖަރސް ފަރިތަކޮށްފައިވެއެވެ.
މި އެކްސަސައިޒް ކުރިއަށްގެންދިޔަ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔަރ ފައިޓަރުން ހަރަކާތްތެރިވާ އިރު، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމުގެ އިތުރުން، ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭނާއި، ސްޓޭންޑަޑް އޮޕަރޭޝަން ޕްލޭތަކާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމް އަދި އިންޓަރ-އެޖެންސީ ކޯޑިނޭޝަން އެންމެ ރަނގަޅަށް ކުރިއަށްގެންދެވޭތޯ ބެލުން ހިމެނެއެވެ.
މި ޑީބްރީފިންގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަންގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ފާއިޒް ރަޝާދާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީއާއި، އޮފިސަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވެލެއްވި ފަރާތްތައް ބައިވެރިވެލެއްވިއެވެ.



.webp&w=3840&q=75)



