logoEN
Sto top
ރާއްޖެއަކީ ކޮންމެ އަންހެނަކާއި، އަންހެން ކުއްޖަކަށް، އަނިޔާއިން ރައްކާތެރި ކަމާއެކު ދިރިއުޅެވޭނެ ޤައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރާނަން - ރައީސް

ރާއްޖެއަކީ ކޮންމެ އަންހެނަކާއި، އަންހެން ކުއްޖަކަށް، އަނިޔާއިން ރައްކާތެރި ކަމާއެކު ދިރިއުޅެވޭނެ ޤައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރާނަން - ރައީސް

އަހުމަދު ޝުރާއު

logo

11/25/2025, 10:00:48 AM

# ރައީސް މުއިއްޒު

-

ދިވެހިރާއްޖެއަކީ، އަންހެނުންނާއި އަންހެން ކުދިންނަށް، ގޭގައާއި، މަސައްކަތުގެ މާޙާއުލާއި، މުޖުތަމަޢު އަދި ޑިޖިޓަލް މަންސަތަކުގައި އަނިޔާއިން ރައްކާތެރި ކަމާއެކު ދިރިއުޅެވޭ ޤައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި، ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަ ކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅު ހަރަކާތްތައް ކުރިއަށް ގެންދާ 16 ދުވަހުގެ ހަރަކާތްތައް ފެށުމާއި ގުޅުވައިގެން މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.

Wamco

ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމުހޫރިއްޔާ ފޮނުއްވި މެސެޖުގައި، އަންހެނުންނާ، އަންހެން ކުދިންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާއިން ސަލާމަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ޓެކުނޮލޮޖީއާއި، އާރޓިފިޝަލް އިންޓެލިޖެންސް، ވަރަށް ހަލުވި މިނެއްގައި، ކުރިއަރާފައި ވުމުގެ ސަބަބުން، މިފަދަ ޒަމާނީ ވަޞީލަތްތަކުގެ ޒަރީއާއިން އަންހެނުންނާ، އަންހެން ކުދިން އަނިޔާއަށް ހުށަހެޅޭ މިންވަރު އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

"އަންހެނުންނާ އަންހެން ކުދިންނަށް އަމާޒުކޮށް ޑިޖިޓަލް މަންސަތަކުގައި ކުރާ އަނިޔާ ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރުމަށް" ގޮވާލާ މި އަހަރުގެ ޝިޢާރުން، އަންހެނުންނާ އަންހެން ކުދިންނަށް ޑިޖިޓަލް މަންސަތަކުގެ ޒަރީއާއިން ހުށަހެޅޭ އަނިޔާތަކުން ރައްކާތެރި ކުރުމަށް ބާރު އެޅޭކަމަށާއި، ޓެކްނޮލޮޖީ ވާންޖެހޭނީ، މީހުންނަށް ނުރައްކާތެރި އެއްޗަކަށް ވުރެ ބޮޑަށް، މީހުން ބާރުވެރި ކުރުވާ އެއްޗަކަށް ކަމުގައިވެސް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

ދިވެހިރާއްޖޭގައި، ޤާނޫނީ ގޮތުންނާއި އިދާރީގޮތުން މި ދާއިރާއިން ކުރަމުން ގެންދާ މަސައްކަތްތައް ހަރުދަނާ ކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޤާނުނުލް ޢުޤޫބާތަށް ޑިސެންބަރު 2024ގައި ގެނެވުނު 6ވަނަ އިސްލާޙުގައި، ސައިބަރ ކުށްތަކަކީ ކޮބައިކަމާ، އަދި އެ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ދެވޭނެ އަދަބު ތަފުސީލުކޮށް ބަޔާންކޮށްފައިވާކަން ރައީސުލްޖުމުހޫރިއްޔާ ފާހަގަ ކުރައްވާފައި ވެއެވެ. މީގެ އިތުރަށް، އދ.ގެ ކޮންވެންޝަން އެގެއިންސްޓް ސައިބަރ ކްރައިމް ގައި، 2025ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ދިވެހިރާއްޖެއިން ސޮއިކުރުމަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރަމުންދާ އަނިޔާ ހުއްޓުވުމަށް އެޅުނު އިތުރުބާރެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ، ޤާނޫނަށް ގެނެވޭ ބަދަލަކުން އެކަނި ނުފުދޭކަމަށާއި، ޑިޖިޓަލް އަނިޔާ އަކީ ކޮބައިކަން އުނގަންނައި ދިނުމާ، އެކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގައި އެންމެންގެ އެއްބާރުލުމާ އެހީތެރިކަން ބޭނުންވާކަމުގައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ، ދިވެހި ޤައުމު ވާންޖެހޭނީ އެއްބައިވަންތަކަމާ، އޯގާތެރިކަމާއެކު ކުރިޔަށްދާ ޤައުމަކަށް ކަމަށާއި، ކޮންމެ އަންހެނަކު ނުވަތަ އަންހެން ކުއްޖަކަށްވެސް ޖިސްމާނީ ގޮތުންނާއި އަދި ޑިޖިޓަލް މަންސަ ތަކުގައި ރައްކާތެރިކަން އިޙްސާސް ކުރެވެން ޖެހޭނެ ކަމުގައެވެ.

މިކަމާ ގުޅުވައިގެން އެމަނިކުފާނު މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަންހެނުންނާ އަންހެން ކުދިންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމަކީ، ސަރުކާރުން އަހަންމިއްޔަތުކަން ދޭނެ ކަމެއްކަމުގައެވެ. އަދި ބަވަނަ ވެފައިވާ ދުނިޔޭގައި މީސް މީޑިޔާގެ ވަސީލަތްތަކުގެ ބޭނުންކޮށްގެން ކުރަމުންދާ ފުރައްސާރައިގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނު ވަނީ ޓެކްނޮލޮޖީގެ ދާއިރާއިން އަންނަމުންދާ ކުރިއެރުންތަކާއެކު އަންހެނުންނާ އަންހެންކުދިން ބާރުވެރި ކުރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC