
'ދާރުލްއަރްޤަމް' ވަޤްފު ޢިމާރާތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
މާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު ޢިމާރާތް 'ދާރުލްއަރްޤަމް'ގެ ބިންގާ އަޅައިފި އެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ބުރިއަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. މީގެ އިތުރުން އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ. މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ޤާއިމްކުރާ ބައެކެވެ.
މީގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރާނެއެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ.
މި މަޝްރޫޢުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ. ދާރުލްއަރްޤަމްގެ އިތުރުން ހުޅުމާލޭގައި ވަޤްފު އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.







