
ދިއްދޫ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުޅުވަނީ: ނަން ޚާއްސަކުރަނީ ޝަހީދު ޢުމަރު އަޙްމަދުއަށް!
# ހއ. ދިއްދޫދިއްދޫ އިސްލާމީ މަރުކަޒު: ފޮޓޯ | ޕީއެސްއެމް
ހއ ދިއްދޫ އިސްލާމީ މަރުކަޒު މި މަހު ފަހު ކޮޅު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

މިކަން ހާމަކުރެއްވީ މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ވަޒީރު ޝަހީމް މިއަދު ވިދާޅުވީ ދިއްދޫ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށާއި އިސްލާމީ މަރުކަޒާއިއެކު އެތަނުގެ އިސްލާމީ ލައިބްރަރީއާއި ޤުރުއާން މަރުކަޒުގެ އައުޓްރިޗް ސެންޓަރު ވެސް ހުޅުވިގެންދާނެ ކަމަށެވެ.
އެގޮތުން އިސްލާމީ މަރުކަޒުގެ މިސްކިތް ނިސްބަތްކުރެވޭނީ، މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުއްޓައި ނޮވެންބަރު 3 ގައި ޝަހީދުވި އެރަށު ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި އިސްލާމީ މަރުކަޒަކީ ނަމާދުކުރުމުގެ ޖާގައިގެ އިތުރުން، އިތުރު މުހިންމު ގިނަ ޚިދުމަތްތަކެއް ހޯދޭގޮތަށް ތަރައްޤީކޮށްފައިވާ ތަނެކެވެ. އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބައިގައި އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ވަނީ ޤާއިމުކޮށްފައެވެ.އަދި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމް ވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން 2 ސެމިނަރ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގައެއްވެސް ހިމެނެއެވެ.
އިސްލާމީ މަރުކަޒު ތަރައްޤީކުރަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެވެ. ދިއްދޫގައި މި ވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރުކުރެވޭ ޖާގަ ތަނަވަސް މިސްކިތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 3 މިސްކިތެކެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ އިސްލާމީ މަރުކަޒާއެކު، މިސްކިތުގެ ޖާގައިގެ މައްސަލަ ޙައްލުވެ، އަލަށް މީހުން އާބާދުވާ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެއެވެ.
ގުޅުންހުރި

ދިއްދޫ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުޅުވަނީ: ނަން ޚާއްސަކުރަނީ ޝަހީދު ޢުމަރު އަޙްމަދުއަށް!

ދިއްދޫއަށް ދަތުރުކުރަމުންދިޔަ "މެގަ ހޯރަ" ބޯޓު ފަރަށް އަރައިގެން ސިފައިން އެހީވަނީ





