
-
މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މެގަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ރަސްމާލެއިން 15،000 ގޯތި ދިނުމުގެ މަޝްރޫއުގެ އުސޫލު އަންނަ ހަފްތާގައި އާއްމުކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މިކަން ހާމަކުރެއްވީ ސަރުކާރުން ދެ އަހަރު ފުރުމާއި ދިމާކޮށް ވެރިކަން ކުރާ ޕީއެންސީއިން ރޭ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ސިޔާސީ ހަރަކާތުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިޔަށްގެންދަވާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސް 5 މަސް ދުވަހުގެ ތެރޭގައި ބިންހިއްކާ ނިމޭނެ ކަމަށާއި އެ މަސައްކަތް ނިމުމުގެ ކުރިން އެތަނުން 15000 ގޯތި ލިބޭ މީހުން ކަނޑައެޅިގެންދާނެ ކަމަށެވެ.
"މާލޭގެ އެކިއެކި ކެޓަގަރީތަކުގައި ހިމެނޭ ރަށްވެހިންނާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ އެހެން ރަށުގެ ރައްޔިތުން ހިމެނޭހެން އުސޫލުގައި ތަފްސީލު އޮންނާނީ. އިރާދަކުރެއްވިއްޔާ އެތަން ހިއްކާ ނިމޭއިރު ގޯތި ލިބޭ މީހުން އޮންނާނީ ކަނޑައަޅާ ނިމިފައި،" ރައީސް ވިދާޅުވިއެވެ.
މިކަމަށްޓަކައި ހަދަން ޖެހޭ އުސޫލުތައް ހެދި އެ އުސޫލުތައް އަންނަ ހަފުތާގައި އާންމު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ސަރުކާރުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަލި އަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ވިދާޅުވީ ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާ ހަވާލުކޮށްގެން އެކި ރަށްރަށުގައި 825 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އިތުރު 16 ރަށެއްގައި 1100 ހައުސިންގ ޔުނިޓު ތަރައްގީ ކުރައްވާނެކަމަށެވެ.
ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި ބީއެމްއެލްއާ ހަވާލުކޮށް 3000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު 4500 ހައުސިން ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއުތަކުގެ އިތުރުން ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ލިބުނު ފަރާތްތަކަށްވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިގޮތަށް އެތަންތަން ދެއްވާނެ ކަަން ފާހަގަކުރައްވައި ރައީސް ވަނީ ކަނޑުފަޅުން ދީފައިހުރި ގޯތިތައް ހަވާލުކުރުމަށް ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައި އެވެ.
ގުޅުންހުރި

ރަސްމާލެއިންދޭ 15،000 ގޯތީގެ އުސޫލު އަންނަ ހަފްތާގައި އާއްމުކުރަނީ

ރަސްމާލެއިން 15،000 ގޯތި ދޫކުރާނަން، ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެ - ރައީސް

ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީދޭނެ ފަރާތެއް ހޯދަނީ





