logoEN
Sto top
ޑްރަގު ބޯޓުން ހައްޔަރުކުރި ލަންކާގެ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

ޑްރަގު ބޯޓުން ހައްޔަރުކުރި ލަންކާގެ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އަހުމަދު ޝުރާއު

logo

11/11/2025, 4:05:27 PM

# ކްރިމިނަލް ކޯޓު

-

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު އަތުލައިގަތް ލަންކާ މަސްބޯޓުން ހައްޔަރުކުރި 5 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

Wamco

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު، ސްރީލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ "އަވިޝްކާ ޕުތާ" 2025 ނޮވެމްބަރ 07 ވަނަ ދުވަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި މި އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށެވެ. އެގޮތުން އެމް.އެން.ޑީ.އެފްއިން މި އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި 05 ފަޅުވެރިން 2025 ނޮވެމްބަރ 9 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައިވާކަންވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

ފުލުހުން އިތުރަށް ބުނީ އިއްޔެ ކޯޓު އަމުރެއްގެ ދަށުން އެ އުޅަނދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށާއި މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެއްޗެވެ.

މި މައްސަލައިގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ 5 މީހުން ހައްޔަރުކުރެވިފައިވެއެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 5 މީހުންނަކީ:

  1. ކޭ އެން އައި ޕެއިރިސް ، 39 އަހަރު | ސްރީލަންކާ
  2. ސިންގަޕުލިގެ ނިމަލް ރަންޖިތް ، 63 އަހަރު | ސްރީލަންކާ
  3. ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް ، 34 އަހަރު | ސްރީލަންކާ
  4. މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ ، 42 އަހަރު | ސްރީލަންކާ
  5. ވަރްނަކުލަސުރިޔަ އޮޝެން ސަޗިންތަ، 28 އަހަރު | ސްރީލަންކާ

މި ފަސް މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މިއަދު ހެނދުނު އެވެ. އެގޮތުން ކޯޓުން ވަނީ އެމީހުންގެ މައްޗަށް އެކަށީގެންވާ ވަރުގެ ހެކިތައް ހުށަހަޅާފައިވާތީ ޝަރީއަތް ނިމެންދެން ރިމާންޑު ޖަލެއްގައި އެންމެން ބަންދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ފަސް މީހުންވެސް އެމީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުނުކުރެއެވެ.

ދިވެހި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC