logoEN
Sto top
ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޝަހީމް ސަޢުދީގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާއާ ބައްދަލުކުރައްވައިފި

ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޝަހީމް ސަޢުދީގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާއާ ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

11/9/2025, 11:27:18 AM

# އިސްލާމިކް މިނިސްޓްރީ

-

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާ އާ ބައްދަލު ކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝަހީމް ވަނީ، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވައިދެއްވާ، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި ވަޒީރު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމަށްވެސް މި ބައްދަލުކުރެއްވުމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޙައްޖު މައުރަޒަކީ ޙައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއްކަމާއި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ޙައްޖާއި ޢުމްރާއަށް ޚާއްޞަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާ ކަން ފާހަގަކުރެއްވިއެވެ. ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ޙައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ ޢަރައްބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC