
މިނިސްޓަރު ޝަހީމް ރަސްމީ ދަތުރުފުޅެއްގައި ސައުދީޢަށް: ހައްޖު އެއްބަސްވުމުގައި ސޮއިކުރާނެ!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ވަޒީރުގެ މިދަތުރުފުޅުކީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާއާއި ބެހޭ ވަޒީރު ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާ އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ސަޢުދީ ސަރުކާރާއިދެމެދު 1447 ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ސޮއިކުރައްވާނެއެވެ.
ހަމައެއާއެކު ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ހިޒް އެކްސެލަންސީ ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އާއި ބައްދަލުކުރައްވާ މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 1446 ވަނަ އަހަރުން ފެށިގެން ސަޢުދީ ޢަަރަބިއްޔާއިން ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވާފައެވެ.
މީގެ އިތުރުން ޙައްޖު މިނިސްޓަރުންގެ ކޮންފަރެންސްގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ބާއްވާ ފަސް ވަަނަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައިވެސް ވަޒީރު ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދުވާ ގުޅުން ވަނީ އިތުރަށް ހަރުދަނާވެގެންގޮސްފައެވެ. މިގޮތުން ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވަމުންނެވެ.
މިގޮތުން 1446 ވަނަ އަހަރުން ފެށިގެން މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވިގެންނެވެ.
ގުޅުންހުރި

މިނިސްޓަރު ޝަހީމް ރަސްމީ ދަތުރުފުޅެއްގައި ސައުދީޢަށް: ހައްޖު އެއްބަސްވުމުގައި ސޮއިކުރާނެ!

ތިނަދޫއާއި ވިލިނގިލި އަދި ކުޅުދުއްފުށީގައި ވަގްފު އިމާރާތްތައް ތަރައްޤީކުރަން ހަވާލުކޮށްފި

ދާރުއްސަލާމް އަދި ދާރުލް އަރްޤަމް މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ބީއެމްއެލް އިސްލާމިކްއާއެކު ފަހުމުނާމާގައި ސޮއިކޮށްފި





