
ތިނަދޫގައި ފެށިގެން ކުރިޔަށްދާ ނަސްރުގެ ދުވަހުގެ ފޮޓޯ މައުރަޒު:- ފޮޓޯ - ގދ އަތޮޅު ކައުންސިލް
"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ގދ.ތިނަދޫ ސިޓީގައި މިއަދު ފަށައިފި އެވެ.

ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރުގެ އުފަން ރަށް ކަމުގައިވާ ތިނަދޫ ސިޓީގައި ބާއްވާ މި މައުރަޒު ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އާންމުކޮށް ހުޅުވާލައިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މަޢުރަޒު ޚާއްޞަކޮށްފައިވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ. މި މައުރަޒަށް ވަޑައިގަންނަވާ ފަރާތްތަކަށް، ދިވެހިރާއްޖެއަށް އެ ދުވަހުގެ ޢުދުވާނު ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކުގެ ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހިން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަޞައްވުރުކޮށްލެވޭނެއެވެ.
މި މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ނޮވެންބަރު 7އިން ނޮވެންބަރު 8ވަނަ ދުވަހުގެ ނިޔަލަށެވެ. ނޮވެންބަރު 7ވަނަ ދުވަހު މި މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00އަށެވެ. ނޮވެންބަރު 8ވަނަ ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 9:00އިން 12:00އަށް، މެންދުރުފަހު 14:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00 އަށެވެ.
މި މައުރަޒު ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ޙިލްމީއާއި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީއާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއާއި، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަޙްމަދު އަޝްރަފާއި، ނޮވެންބަރު ތިނެއްގެ ހާދިސާގައި ސިފައިންގެއިން ބޭރަށް ނިކުތުމަށް ދިޔަ 11 މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޢަބްދުﷲ ނަސީމް (ތިނަދޫ ނަސީމް)އާއި، ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްބޭފުޅުންނާއި، ތިނަދޫ ސިޓީގެ ބައެއް މުއައްސަސާތަކާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ބައިވެރިވެލެއްވިއެވެ.
ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ މަޢުރަޒުގެ އިތުރުން، ނޮވެންބަރު 8ވަނަ ދުވަހުގެ ހަަވީރު 16:00ގައި، ތިނަދޫ ސިޓީ ސްޓޭޑިއަމުގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުމެވެ.
ގުޅުންހުރި

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ތިނަދޫ ސިޓީގައި ފެށިގެން ކުރިޔަށް!

ތިނަދޫއާއި ވިލިނގިލީގައި ޓިވެޓް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް!

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ތިނަދޫ ސިޓީގައި 450 ގަސް އިންދައިފި





