
އޭޝިއަން މާސްޓާރސް: ޑިސްކަސް ތުރޯއިންގެ ފައިނަލުން ޝައްމޫން ޖާގަ ހޯދައިފި
# ދިވެހި ކުޅިވަރު # އޭޝިއަން މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕްހަސަން ޝަމްއޫން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން އަހުމަދު
އިންޑިއާގެ ޗެންނާއީގައި މިހާރު ކުރިއަށްދާ 23 ވަނަ އޭޝިއަން މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ 35 އަހަރުން މަތީގެ ފިރިހެން ޑިސްކަސް އުކުމުގައި ވާދަކޮށް ރާއްޖޭގެ އެއްވަނަ އުކުންތެރިއާ ހަސަން ޝަމްޢޫން މި އިވެންޓުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިރޭ އިރާކޮޅު ކުރިއަށްދިޔަ 35 އަހަރުން މަތީގެ ފިރިހެން ޑިސްކަސް އުކުމުގައި ޖުމްލަ 19 އެތްލީޓުން ވާދަކުރިއިރު، ޝަމްޢޫން ފައިނަލުން ޖާގަ ހޯދީ އެންމެ ރަނގަޅަށް އުކި އަށް އެތްލީޓުންގެ ތެރެއިން ހަތްވަނަ ހޯދައިގެންނެވެ. އަދި ފައިނަލުގައި ޝަމްޢޫނުގެ ތިން ތްރޯ ވެސް ފައުލް ވެފައިވާއިރު، މިއިވެންޓުން ލިބުނީ އަށްވަނަ އެވެ.
ސަމްޢޫން (ކ) ކޯޗު ހުސެން އަހުމަދު އާއެކު.. ފޮޓޯ: ގާފު ސްޕޯޓްސް / މުއަވިޒް
މީގެ އިތުރުން މިމުބާރާތުގެ ޝޮޓްޕޮޓް އުކުމުގައި އޭޝިއާގެ އެންމެ ތަޖުރިބާކާރު އެތްލީޓުންނާއި ވާދަކޮށް ޝަމްއޫން 10 ވަނަ ހޯދިއިރު، އެ އިވެންޓުގައި ވެސް ޖުމްލަ 19 އެތްލީޓަކު ވާދަކޮށްފައިވެއެވެ.
5 ނޮވެމްބަަރު 2025 އިން 9 ނޮވެމްބަރު 2025ގެ ނިޔަލަށް ޗެންނާއީގައި މިހާރު ކުރިއަށްދާ މިމުބާރާތަކީ 35 އަހަރުން މަތީގެ އެތްލީޓުންނަށް ޚާއްސްކޮށްގެން އޭޝިޔާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެތްލެޓިކްސް މުބާރާތެވެ. އަދި މިއަހަރުގެ މުބާރާތުގައި ޖުމްލަ 22 ގައުމަކުން 3312 އެތްލީޓަކު ވަނީ ބައިވެރިވެފައެވެ.
ޝަމްއޫން އަކީ މިއަހަރު ރާއްޖޭގައި ބޭއްވި ސީނިއާ އެތްލެޓިކްސް ދެ މުބާރާތުގެ ވެސް ބެސްޓް އެތްލީޓެވެ. އެގޮތުން ގައުމީ މުބާރާތާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަގާމު ހޯދާފައިވާއިރު، މިހާރު ވެސް ރާއްޖޭގެ ޝޮޓް ޕޮޓް އަދި ޑިސްކަސް ތުރޯއިންގެ ރެކޯޑް އޮތީ ޝަމްއޫންގެ އަތުގައެވެ.
ގުޅުންހުރި

އޭޝިއަން މާސްޓާރސް: ޑިސްކަސް ތުރޯއިންގެ ފައިނަލުން ޝައްމޫން ޖާގަ ހޯދައިފި

އޭޝިއަން މާސްޓާރސް: ހީޓުގެ އެއްވަނަ ހޯދައި، އާމިރު 200 މީޓަރު ފައިނަލުން ޖާގަ ހޯދައިފި

އޭޝިއަން މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ 5000 މީޓަރު ދުވުމުން ތިންވަނަ ހުސީއަށް





