
-
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހިތަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީޒް ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ވަށައިފާރު ރޭނުމާއި އޮފީސް އިމާރާތެއް ހެދުމާއި ގައިދީން ބައިތިއްބާނެ ތަނެއް ހެދުމާއި ގަރާޖެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއިއެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.
މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ފުލުހުންގެ އިމާރާތްތައް ނިމުމުން ކުށުގެ ވެށިން މީހުން ދުރުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
އަލަށް އިމާރާތްކުރާ ފުލުހުންގެ ސްޓޭޝަންތަކުގައި ތަޙުޤީޤުކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރެވޭނެއެވެ. އަދި މި ފެސިލިޓީތައް ރަށްރަށުގައި ޤާއިމުކުރެވުމާއެކު ކުށުގެ ވެށި ނައްތާލުމަށާއި ކުށުގެ ވެށީގައި މީހުން ހަރުނުލާނެ ގޮތްގޮތަށް ފުލުހުންގެ މަސައްކަތް ތަރުތީބުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ގުޅުންހުރި

އައްޑޫ ސިޓީ ހިތަދޫ ގައި ޕޮލިސް ސްޓޭޝަނެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މަރަދޫ ފޭދޫ ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި





