
ވީއައިއޭގެ އައު ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލުކުރި 22 ވަނަ އެއާލައިނަކަށް ސްވިޒަލެންޑްގެ އެޑެލްވައިސް އެއާ!
# އެމްއޭސީއެލް-
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން އެޑެލްވައިސް އެއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެޑެލްވައިސް އެއާގެ ސްޓޭޝަން މެނޭޖަރު މަހްޖޫބް އަބްދުالله ގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޑެލްވައިސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 205 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, WK066 އިން ރާއްޖެ އައި 271 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ސްވިސް ލެއިޝާ އަދި ޗާޓާ އެއާލައިން, އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 ނޮވެންބަރު 2000ގައެވެ. އެގޮތުން މިއަދަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު ދުވަހެވެ.
އެޑެލްވައިސް އެއާ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 22 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

ފުވައްމުލަކުގައި ސިޓީ ހޮޓަލަކާއި އިކޯ ޓުއަރިޒަމް ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއަށް!

ފުވައްމުލަކުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރަން އެމްއޭސީއެލްއާއި ހަވާލުކޮށްފި

ވީއައިއޭގެ އައު ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލުކުރި 22 ވަނަ އެއާލައިނަކަށް ސްވިޒަލެންޑްގެ އެޑެލްވައިސް އެއާ!





