
ެއެމްޓީސީސީއާއި ޔަންމާ ގުޅިގެން ރާއްޖެއަށް ޚާއްސަ އާރްއެސްޑަބްލިޔު ސިސްޓަމެއް ތައާރަފުކޮށްފި: މި ސިސްޓަމް ހަރުކުރި ފުރަތަމަ ދޯންޏަކަށް މަޑަވެލި "ކަމަނަ" ދޯނި!
# އެމްޓީސީސީ-
ޔަންމާ ރެފްރިޖެރޭޓެޑް ސީވޯޓަރ (އާރްއެސްޑަބްލިއު) ނިޒާމު ރަސްމީކޮށް އިފްތިތާޙް ކޮށްފި އެވެ.

މި ޚާއްސަ ނިޒާމު ރާއްޖެއަށް ރަސްމީކޮށް އިފްތިތާހްކުރުމަށް މިއަދު ގދ މަޑަވެލީގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައި އެވެ.
ޔަންމާއިން މުޅީން އަލަށް އުފައްދާފައިވާ އާރްއެސްޑަބްލިއު ނިޒާމު ރަސްމީކޮށް ދިވެހި މަސްދޯންޏެއްގައި ހަރުކޮށް ކޮމިޝަންކުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ، ޖެކްސަން ޓާން އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި މަޑަވެލީ ކައުންސިލް ރައީސްއާއި މެންބަރުން އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި އާރްއެސްޑަބްލިއު ނިޒާމު އެންމެ ފުރަތަމަ ހަރުކުރި މަސްވެރި އުޅަނދު 'ކަމަނަ އޮޑި'ގެ ވެރިފަރާތް އަލްފާޟިލް ޞޯދިޤް ހަސަނަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައި އެވެ.
އެމްޓީސީސީއާއި ޔަންމާ ގުޅިގެން ތައާރަފުކުރި މި އާރްއެސްޑަބްލިއު ނިޒާމަކީ ދިވެހިރާއްޖޭގެ މަސްދޯނިފަހަރާއި ދިވެހި ކަނޑުފަޅަށް ޚާއްސަކޮށްގެން މިގޮތަށް ތައާރަފުކުރި ފުރަތަމަ ނިޒާމެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ތިމާވެއްޓާ ރައްޓެހި އުފެއްދުމެކެވެ. އެގޮތުން ލޮނުފެން ފިނިކޮށްދިނުމަށް މި އުފެއްދުމުގައި ބޭނުންކުރާ ސީއޯޓޫ ރެފްރިޖަރަންޓަކީ ތިމާވެއްޓާ ރައްޓެހި ކެމިކަލެކެވެ.
އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި އާރްއެސްޑަބްލިއު ނިޒާމު އުޅަނދުތަކުގައި ހަރުކުރުމުން އެކަމުން މަސްވެރީންނަށް އެތައް ފައިދާތަކެއް ކުރާނެ އެވެ. އެގޮތުން އައިސް ނުލިބިގެން އުޅެން ނުޖެހި އުޅަނދު ހިންގަން ކުރާ ޚަރަދު ކުޑަކުރެވި އިސްރާފު މަދުވެގެންދާނެ ކަމަށް އެކުންފުނީން ބުނެއެވެ.
މަސް ފިނިކޮށްދީ މަހުގެ ތާޒާކަން ހިފަހައްޓައިދޭ މި ނިޒާމުގެ ސަބަބުން މަހަށް ހަމަ އަގު ލިބި މަސްވެރިންގެ އާމްދަނީވެސް އެތައްތަނެއް އިތުރުވާނެ ކަންވެސް ފާހަގަކޮށް އެމްޓީސީސީން ބުނީ އާރްއެސްޑަބްލިއުގައި އެކުލެވޭ ޓެކްނޮލަޖީއާއި ކޮންޓްރޯލް ޔުނިޓްގެ ޔޫޒާ އިންޓަރފޭސްގެ ސަބަބުން ކަސްޓަމަރުންނަށް މި ނިޒާމު ބޭނުންކުރަން ފަސޭހައިން ދަސްކުރެވޭނެ ކަމަށެވެ.
އާރްއެސްޑަބްލިއު ނިޒާމެއް ތަޢާރަފުކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީ މި މަޝްރޫޢު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް އެމްޓިސީސީއަށް ބޭނުންވާ ބޭރު ފައިސާ ދިވެހި ސަރުކާރުން ވަނީ ހަމަޖައްސައިދީފައި އެވެ. މީގެ އިތުރުން މިދިޔަ އަހަރު ދިވެހި ސަރުކާރުން ވަނީއާރްއެސްޑަބްލިއު ނިޒާމު ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފައިނޭންސިން ސްކީމެއް އިފްތިތާޙުކޮށްފައެވެ. އެ ސްކީމްގެ ދަށުން އާރްއެސްޑަބްލިއު ޔުނިޓު ޖެނެރޭޓަރު އަދި ސޯލާރ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ލޯނު ލިބޭނެ އިންތިޒާމު ދިވެހި ސަރުކާރުން ވަނީ ހަމަޖައްސާފައި އެވެ.








