
ބޮޑުތަފާތަކުން ވެލެންސިއާ ބަލިކޮށް މާޒިޔާ އިން ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފި
# ކުލަބު ވެލެންސިއާ# މާޒިޔާ# ދިވެހި ކުޅިވަރު # ދިރާގު ދިވެހި ލީގުމާޒިޔާ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..ފޮޓޯ: މާޒިޔާ
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުލަބު ވެލެންސިއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރި މެޗު ފަސޭހަކަމާއެކު 5-0 ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ މާޒިޔާ އިން ލީގު ތާވަލުގެ ކުރީގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި ފަސޭހަކަމާއެކު 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ގްރީން ސްޓްރީޓް އަތުން މޮޅުވެފައިވާއިރު، ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި ޓީސީ އަތުން 3-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މާޒިއާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ޒުވާން ކުޅުންތެރިން ގިނަ ވެލެންސިއާ ކޮޅަށް އެޓީމަށް ޖެހުނީ އެންމެ ލަނޑެކެެވެ. އަދި ދެވަނަ ހާފުގައި މާޒިޔާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި މާޒިޔާގެ މުހައްމަދު އިލާން އިމްރާން އަދި ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތްއިރު، ދެ ވަަނައިގައި އޮތް ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ވެލެންސިއާ އިން ލީގުގައި ކުޅުނު ހަ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.







