
އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާއިއެކު މަޝްވަރާކޮށްފި
# ފަތުރުވެރިކަމާ ބެހޭ ވުޒާރާ-
ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިގެ ޑެޕިއުޓީ މިނިސްޓަރު ޙުސައިން ޢަޤީލް ނަޞީރު، އިންޑިއާގެ އިޔާދަކުރަނިވި ހަކަތައާއި ބެހޭ މިނިސްޓަރު، ޝްރީ ޕްރަލްހާދު ވީ. ޖޯޝީއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ އިންޑިއާގެ ނިއު ދިއްލީގައި މިހާރު ކުރިޔަށްދާ 8 ވަނަ އައި.އެސް.އޭ ޖަލްސާގެ ހަވާސާގައި އެވެ. ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި މި ބައްދަލުވުމަކީ އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ދެގައުމުގެ މެދުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކޮށް، އެދާއިރާގައި އައު މަޝްރޫޢުތައް ފެށުމަށްޓަކައި، އެކި ގޮތްގޮތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ތަފްޞީލީ މަޝްވަރާތައް ކުރައްވާފައެވެ. ޑެޕިއުޓީ މިނިސްޓަރު ޙުސައިން ޢަޤީލް ނަޞީރު ވަނީ، ދިވެހިރާއްޖެއަކީ ކުދި ރަށްތަކުގެ މައްޗަށް އެކުލެވޭ ގައުމެއްކަމުން، ސޯލާ ހަކަތަފަދަ އިޔާދަކުރަނިވި ހަކަތައަކީ ދިވެހިރާއްޖޭގެ ހަކަތައިގެ ބޭނުންތަކަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.
އިންޑިއާގެ މިނިސްޓަރު ޝްރީ ޕްރަލްހާދު ވީ. ޖޯޝީ ވަނީ، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. ދެގައުމުގެ މެދުގައި މިފަދަ މަޝްރޫޢުތައް ހިންގުމަކީ، ތިމާވެއްޓަށް ރައްކާތެރިވެ، ދެގައުމުގެ ހަކަތައިގެ ބޭނުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މުހިންމު ކަމެއް ކަމަށް ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
އައި.އެސް.އޭ އެސެމްބްލީ އަކީ ދުނިޔޭގެ އެކި ގައުމުތަކުން ސޯލާ ހަކަތަ ކުރިއެރުވުމަށް ބާއްވާ ފޯރަމެކެވެ.
ގުޅުންހުރި

މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ދަށުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖެއާއި ކޮރެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 26 ވަނަ އާންމު ބައްދަލުވުމުގެ ނައިބު ރައީސްކަން ރާއްޖެއަށް!





