
ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފި
# ބޭންކް އޮފް މޯލްޑިވްސް-
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގި 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ބޭންކުން މިކަން ހާމަކޮށްފައިވަނީ މި މަޝްރޫއުގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ވަރަށްވެސް ކުރު މުއްދަތެއްގައި ނިންމުމަށް ބޭންކުގެ ޓީމުން ކުރި ހާއްސަ މަސައްކަތް ފާހަގަކޮށް އެ ޓީމަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މި މަޝްރޫއު ހިންގި ޓީމް ލީޑުކޮށްފައިވަނީ ބޭންކުގެ ޑިރެކްޓަރ އޮފް އެގްޒެކެޓިވް އެފެއާޒް، ޕްރޮޕަޓީޒް އެންޑް އެޑްމިނިސްޓްރޭޝަން، ޙަސަން ޝާމްއެވެ.
"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި އެންމެ 9 މަސް ދުވަސް ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ. މި މަޝްރޫއުގެ ބޮޑުކަމާއެކުވެސް މަސައްކަތް ނިންމާލި އަވަސްމިނަކީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކާމިޔާބީއެކެވެ. އަދި މި މަސައްކަތް ނިންމާފައިވަނީ އެންމެ މަތީ ފެންވަރުގައި، ވީހާވެސް އަވަހަށް ޚިދުމަތް ދިނުމަށްޓަކައި، ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު، ވަރަށް ގިނަ މަސައްކަތްތަކެއް ފުރިހަމަ ކޮށްގެންނެވެ. މި މަޝްރޫއު ހިންގުމުގައި ޚަރަދު ކުޑަކުރުމާއި މަޝްރޫއުގެ ހިންގުން ހަރުދަނާވުމުގެނަތީޖާއެއްގެ ގޮތުން، މީގެ ކުރިން ބޭންކުން އޭޓީއެމް ޤާއިމުކުރުމަށް ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު، 33% ޚަރަދު ކުޑަކަންވެސް ފާހަގަކުރެވެއެވެ.
ބެންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް މިހާރު އެންމެ ފެންވަރު ރަނގަޅު އޭޓީއެމްތަކުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
"'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއަކީ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގުނު މުހިންމު މަސައްކަތެއް. އަދި މި މަސައްކަތް މިހާ އަވަހަށް އަދި މިހާ ފުރިހަމައަށް ނިންމާލެވުނީތީ އަޅުގަނޑުމެން ފަޚުރުވެރިވަން. އަޅުގަނޑުމެންގެ ޓީމުން ކުރި މިންނެތް ބުރަ މަސައްކަތުގެ ސަބަބުން މި ހުވަފެން މިވަނީ ހަގީގަތަކަށްވެ، ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑުމެންގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދީފައި." ޝަރީފް ވިދާޅުވިއެވެ.
"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއިން ރާއްޖޭގެ ރައްޔިތުންގެ މާލީ ބައިވެރިވުމަށް ގެނެސްދިން ހެޔޮ ބަދަލުތަކުގެ ސަބަބުން ، ބައިނަލްއަގުވާމީ އިދާރާއެއްކަމަށްވާ ކޯރަސް އިން ވަނީ ބޭންކް އޮފް މޯލްޑިވްސްއަށް 'އައުޓްސްޓޭންޑިންގ އެޗީވްމަންޓް އޮފް ދަ ޔިއަރ އިން ފައިނޭންޝަލް އިންކްލޫޝަން' ޝަރަފުވެރި އެވޯޑް ދީފައެވެ. މި އެވޯޑުން ދައްކުވައިދެނީ، ރާއްޖޭގެ ރަށްރަށުގެ މާލީ ހިދުމަތްތައް ލިބޭނެ ފުރުސަތު އިތުރުކުރުމަށް މި މަޝްރޫއުގެ ދަށުން ކޮށްފައިވާ މަސައްކަތުގެ ބޭނުންތެރިކަމާއި މުހިންމުކަމެވެ.



.jpg&w=3840&q=75)



