logoEN
Sto top
އިންޖިނިއަރިންގެ ދާއިރާއިން ރާއްޖެއަށް ބޮޑު އިންގިލާބެއް: ތުލުސްދޫގައި ގާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ރަސްމީކޮށް ހުޅުވައިފި

އިންޖިނިއަރިންގެ ދާއިރާއިން ރާއްޖެއަށް ބޮޑު އިންގިލާބެއް: ތުލުސްދޫގައި ގާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ރަސްމީކޮށް ހުޅުވައިފި

އަހުމަދު ޝުރާއު

logo

10/28/2025, 3:56:22 PM

# ސްޓެލްކޯ

-

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކ. ތުލުސްދޫއަށް ވަޑައިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ރަށުގައި ޤާއިމްކޮށްފައިވާ ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުއްވައިދެއްވައިފިއެވެ.

Wamco

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ އަކީ މުޖުތަމަޢުގައި އިންޖިނިއަރިންގގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން، ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޤާއިމްކޮށްފައިވާ މަރުކަޒެކެވެ.

މި މަރުކަޒުގައި ސްޓޭލްކޯގެ ތަޖުރިބާކާރުންގެ އިތުރުން ބައެއް އިލްމީ މުއައްސަސާތަކުން ވެސް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަރުކަޒުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުން ސްޓެލްކޯ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު 26 އޮކްޓޫބަރު 2025 ވީ އާދީއްތަ ދުވަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ: އަވަސް ކަޅިއެއް
  1. މަރުކަޒުގައި ކްލާސްރޫމްތަކާއި، ވަރކްޝޮޕަކާއި، ލެބޯޓްރީއެއްގެ އިތުރުން އެކޮމޮޑޭޝަންވެސް ހިމެނޭ
  2. މަރުކަޒު ޤާއިމްކުރުމަށް ޖުމްލަ ހޭދަވެފައިވަނީ 5 މިލިއަން ދިވެހި ރުފިޔާ
  3. މަރުކަޒު އިމާރާތްކުރުމުގެ %100 މަސައްކަތް ކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުން
  4. އެއްފަހަރާ 50 ކުދިންނަށް ތަމްރީނު ދެވޭނެ ވަޞީލަތްތައް މި މަރުކަޒުގައި ވަނީ ޤާއިމްކުރެވިފައި
  5. ޗައިނާގެ ޔަންޓާއި ޑޮންގފަންގ ވިޒްޑަމް އިލެކްޓްރިކް ކޯ. ލޓޑ. އިން ހަދިޔާކުރި 200،000 އެމެރިކާ ޑޮލަރުގެ އަގުހުރި ވަޞީލަތްތަކާއި އާލާތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބޯޓްރީއެއް މި މަރުކަޒުގައި ވަނީ ޤާއިމްކުރެވިފައި
ތަމްރީނުދޭ ދާއިރާތައް

ފުރަތަމަ ފިޔަވަހީގައި މި މަރުކަޒުގައި މައިގަނޑު 6 ދާއިރާއަކުން ތަމްރީނުދިނުމަށް ވަނީ ހަމަޖެހިފައެވެ. ޔޫޓިލިޓީ ސިނާޢަތަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް، ސްޓެލްކޯއިން ގެންގުޅޭ އަމާޒަށް ވާޞިލްވުމަށްޓަކައި، މަރުކަޒުގެ މަސައްކަތް ފުޅާވެ، ކުރިއަރަމުންދާ މިންވަރަކުން، މަރުކަޒުގައި ކިޔަވައިދީ، ތަމްރީނުދޭ ދާއިރާތަށް އިތުރުކުރެވިގެންދާނެއެވެ.

ފުރަތަމަ ފިޔަވަހީގައި މި މަރުކަޒުން ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
މެކޭނިކަލް އިންޖިނިއަރިންގ
  1. މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ ޖެނެރޭޓަރ ސެޓު މަރާމާތު ކުރުމާއި އޯވަރހޯލްކުރުން
އޮޓޯމޯޓިވް އިންޖިނިއަރިންގ
  1. މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ އުޅަނދުތަކުގައި އާންމުކޮށް ކުރަންޖެހޭ މަރާމާތާއި މެއިންޓަނަންސް މަސައްކަތް
ފެނާއި ނަރުދަމާ ނިޒާމުތައް
  1. މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ ފެން ޕްލާންޓް އަދި ނަރުދަމާ ޕަމްޕް ސްޓޭޝަން ފަދަ މި ދާއިރާއާ ގުޅޭ މަރާމާތާއި މެއިންޓަނަންސް މަސައްކަތް
އޮޓޯމޭޝަން އިންޖިނިއަރިންގ
  1. މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ މަސައްކަތުގެ ސަމަކާރަކަން ކަށަވަރުކުރުމަށް ބޭނުންވާ/ބޭނުންކުރާ ޒަމާނީ ވަޞީލަތްތައް އުފައްދައި، އޭގެ މަރާމާތާއި މެއިންޓަނަންސް މަސައްކަތް
އިދާރީ ޚިދުމަތް
  1. މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ އިދާރީ އެކިއެކި މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުނީގެ އަމިއްލަ އަދި ބޭރުގެ އެކިއެކި ވަޞީލަތް/ނިޒާމު/ސޮފްޓްވެއަރއަށް އަހުލުވެރިކުރުވުމާއި އެންމެ އެކަށޭނަ ގޮތެއްގައި އެ ވަޞީލަތް/ނިޒާމު/ސޮފްޓްވެއަރ ބޭނުންކުރުން

ސްޓެލްކޯއިން ބުނީ މި މަރުކަޒާއިއެކު އެ ކުންފުނީގެ އެސެޓް މަރާމާތުކޮށް ބެލެހެއްޓުމަށް ކުންފުނީގެ މުވައްޒަފުން ތަމްރީނުކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ޚަރަދު ކުޑަކުރެވި، ޚިދުމަތަށް ބަރޯސާވެވޭ މިންވަރު އިތުރުވެގެންދާނެ ކަމަށާއި މަސައްކަތްތަކަށް އިންތަކާއި މިންތައް ކަނޑައަޅައި، އަންނާން އޮތް ޖީލުތަކަށް ސައްޚަކަންމަތީ ފޯރާނެހެން މުއައްސަސައީ ޢިލްމު ރައްކާތެރިކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި މަރުކަޒާއިއެކު ރަށްރަށުގެ އިންޖީނުގެތަކާއި ފެން އަދި ނަރުދަމާ ޕްލާންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް، ޚިދުމަތް މެދުކެނޑޭ މިންވަރު މަދުކުރެވި ޔޫޓިލިޓީ ސިނާޢަތުގައި ޒަމާނާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށާއި ސިނާޢަތް އިތުރަށް ދެނެގަތުމަށް އެކިއެކި ދިރާސާތައް ހިންގުމަށާއި އިދާރީ އެކިއެކި މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުނީގެ އަމިއްލަ އަދި ބޭރުގެ އެކިއެކި ވަޞީލަތް/ނިޒާމު/ސޮފްޓްވެއަރއަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި އެންމެ އެކަށޭނަ ގޮތެއްގައި އެ ވަޞީލަތް/ނިޒާމު/ސޮފްޓްވެއަރ ބޭނުންކުރަން ދަސްކޮށްދެވިގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.

ހަމައެއާއިއެކު ހަކަތަ އުފެއްދުމުގެ އައު ނިޒާމުތައް (އަވި، ވައި އަދި އެހެނިހެން އިއާދަކުރަނިވި ހަކަތައިގެ ބާވަތްތައް) ޤާއިމްކޮށް ބޭނުންކުރާނެ ގޮތް މުވައްޒަފުންނަށް ދަސްކޮށްދީ، ޒަމާނީ ތަރައްޤީއާއެކު ބައްޓަންވަމުންދާ މުސްތަޤުބަލަށް މުވައްޒަފުން ތައްޔާރުކުރެވި މަސައްކަތުގެ މާޙައުލުގައި ރައްކާތެރިކަމަށް އިސްކަންދޭ ސަޤާފަތެއް އުފެއްދުމަށްޓަކައި، މަސައްކަތުގެ މާޙައުލާއި ގުޅޭ ޒަމާނީ ސްޓޭންޑަރޑްތައް މުވައްޒަފުންނަށް ދަސްކޮށްދެވި ޒުވާނުންގެ މެދުގައި އިންޖިނިއަރިންގ ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމަށް ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުވެސް މި މަރުކަޒާއި އެކު ލިބިގެންދާނެކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.

ސްޓެލްކޯއިން ވަނީ އެކުންފުނީގެ އިތުރުން އެހެނިހެން ކުންފުނިތަކާއި މުއައްސަސާތަކަށް ވެސް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ، އަތޮޅުތެރޭގެ ޔޫޓިލިޓީ ދާއިރާގެ ސަރަޙައްދީ އިލްމީ މަރުކަޒެއްގެ ގޮތުގައި މި މަރުކަޒު ބޭނުންކުރެވިގެންދާނެކަން ފާހަގަކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC