
ހިތްފަސޭހަ ހުޅުމާލެ: ހެޖުތެރެއިން ނަގާ ބިޔަ ގަސްތައް އިންދާނީ ހުޅުމާލޭގެ އެކި ޕާކުތަކުގައި!
# އެޗްޑީސީ-
ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، މަގުތައް ސާފުކޮށް، ހެޖުތެރޭގައި ހެދިފައިވާ ބިޔަ ގަސްތައް ނެގުމަށްފަހު، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދަން ނިންމައިފިއެވެ.

'ހިތްފަސޭހަ ހުޅުމާލެ' ކެމްޕެއިންގެ ދަށުން، ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނަގައި، ރަށުތެރެ ސާފުކުރުމުގެ މަސައްކަތް އެއްޗްޑީސީން އިއްޔެ ވަނީ ފަށާފައެވެ.
އެޗްޑީސީން ބުނީ މި ކެމްޕެއިންގެ ދަށުން، ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޒާތުގެ އެކި ގަސްތައް ނެގުމުގެ މަސައްކަތް ފެށީ، ހެޖުތެރޭގައި އެފަދަ ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، ހުޅުމާލޭގެ މަގުތަކުގައި ފެން ބޮޑުވުމަށް މެދުވެރިވާތީ ކަމަށެވެ. އަދި އޭގެ އިތުރުން، އެފަދަ ބިޔަ ގަސްތަކުގެ މުލުގެ ސަބަބުން އެ ސަރަހައްދުތަކުގެ މަގުގެ ތާރުވެސް ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ.
އެހެންކަމުން، އެފަދަ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި، އެ ގަސްތައް ނަގައި، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އަދި ހުޅުމާލެ ފެހިކުރުމަށް އެ ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދާ ސާފުކުރުމުގެ ކެމްޕެއިނަށްފަހު، މަގަށް ގެއްލުންނުވާ ޒާތުގެ ކުދި ގަސް ހެޖުތެރޭގައި އިންދުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބޭނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައި އެވެ.
ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތްދޭތީއާއި، ދުވާރުމައްޗަށް ބިޔަ ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން އެ ކޯޕަރޭޝަނަށް ގިނަ އަދަދަކަށް ޝަކުވާ ލިބެއެވެ. އެހެންކަމުން 'ހިތްފަސޭހަ ހުޅުމާލެ' ކެމްޕެއިންގެ ދަށުން މި ފެށުނު ކެމްޕެއިންގެ މަގްސަދަކީ ހުޅުމާލެއަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަނަކަށް ހެދުމެވެ.
ގުޅުންހުރި

ނައިފަރުގައި 300 ހައުސިންގ ޔުނިޓު އެޅުމަށް އެޗްޑީސީއާއި ހަވާލުކޮށްފި

ހިތްފަސޭހަ ހުޅުމާލެ: ހެޖުތެރެއިން ނަގާ ބިޔަ ގަސްތައް އިންދާނީ ހުޅުމާލޭގެ އެކި ޕާކުތަކުގައި!

ހިތްފަސޭހަ ހުޅުމާލެ: ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިމޭޒު ނަގަން ފަށައިފި





