
މީދޫ އާއި ހުޅުދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ކައުންސިލެއް އުފައްދަން!
# އައްޑޫ ސިޓީ ކައުންސިލްހުޅުދޫ - ފޮޓޯ: ޓައިމްސް އޮފް އައްޑޫ
އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ކަމަށް ހުޅުދޫއާއި މީދޫ ރައްޔިތުން މިއަދު ނެގި ވޯޓުން ނިންމައިިފި އެވެ.

މިއަދު ނެގުނު ހިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދޫއާއި މީދޫ ރައްޔިތުން ވޯޓުލުމަށް ބެހެއްޓި ހުރިހާ ވޯޓު ފޮށްޓެއްގެ ނަތީޖާ މިހާރު ވަނީ ލިބިފައި އެވެ.
އެގޮތުން މިއަދުގެ ވޯޓުގައި އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ހުޅުދޫގެ 720 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ.
އަދި އައްޑޫ ކައުންސިލުން ވަކިވާން މީދޫގެ 841 މީހަކު ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 144 މީހުންނެވެ.
އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނެގީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ.
މިކަމުގައި ޤާނޫނީ ގޮތުން ގެނެވޭނެ ބަދަލަކީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހުގައިކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ މިކަމުގައި ސުވާލެއް ހުށައަޅުއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރުމާއެކު ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކައުންސިލްތައް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. ބެލެވޭގޮތުގައި އައު ކައުންސިލްތައް އުފެދިގެންދާނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއެކުގައެވެ. މި ވޯޓުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނުކުރުމަށް އީސީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މި ވޯޓަށް ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތްކަން ރައީސް ވަނީ ތަކުރާރުކުރައްވާފައި އެވެ. އެގޮތުން ރައްޔިތުން ނިންމަވާ ގޮތަކީ ސަރުކާރުގެ ނިންމެވުންކަން ރައީސް ވަނީ ހާމަކުރައްވާފައި އެވެ.
އިންތިހާބުގެ ކުރީން ރައީސް ދާދިފަހުން ލ އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރަށް ރަށް ވަކިވާން އެދިއްޖެނަމަ، މިހާރު އޮތް އުސޫލުގެ ތެރެއިން ފޭދޫއަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަހަރަކު 50 މިލިއަން ރުފިޔާ ލިބޭނެކަމަށާއި ހުޅުދޫއަށް 14 މިލިއަން އަދި މީދޫއަށް 18 މިލިއަން ބްލޮކް ގްރާންޓުގެ ގޮތުގައި ލިބިގެންދާނެކަމުގައި ހާމަކުރައްވާފައި އެވެ.
ގުޅުންހުރި

މީދޫ އާއި ހުޅުދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ކައުންސިލެއް އުފައްދަން!

ވަކި ކައުންސިލްތައް އުފެދިއްޖެ ނަމަ ބްލޮކް ގްރާންޓުގެ ގޮތުގައި ފޭދޫއަށް 25 މިލިއަން، ހުޅުދޫއަށް 13 މިލިއަން ، މީދޫއަށް 18 މިލިއަން!

އައްޑޫ ވޯޓު: ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި
.webp&w=3840&q=75)




