logoEN
Sto top
'ޖެންޑަރ އީކުއަލިޓީ ސީލް' އަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

'ޖެންޑަރ އީކުއަލިޓީ ސީލް' އަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

10/22/2025, 6:11:39 PM

# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ

-

ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅާ، މިންގަނޑުތަކަށް ފެތޭ އިދާރާތަކުން 'ހަމަހަމަކަން ކަށަވަރު ނިޝާން' ނުވަތަ 'ޖެންޑަރ އީކުއަލިޓީ ސީލް' އަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

Wamco

މި ނިޝާނަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި، މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމާއި، ހަމަހަމަކަން ކަށަވަރުކުރުމަށް އިދާރާތަކަށް ހިތްވަރު ދިނުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދިނުމަށް އެކުލަވާލާފައިވާ ނިޝާނެކެވެ. މި ނިޝާން ހުޅުވާލާފައިވަނީ ތިން ލެވެލްއަކަށެވެ. އެއީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑް ލެވެލްއެވެ.

'ހަމަހަމަކަން ކަށަވަރު ނިޝާން' ނުވަތަ 'ޖެންޑަރ އީކުއަލިޓީ ސީލް' އަށް އެދި ހުށަހަޅާ ފަރާތްތައް ވަޒަންކުރުމުގައި މައިގަނޑު 6 ބަޔަކަށް ރިޢާޔަތްކުރެވޭނެއެވެ. އެގޮތުން

  1. ލީޑަރޝިޕް އެންޑް އެކައުންޓެބިލިޓީ: ޒިންމާދާރު ގޮތުގައި އިދާރާތަކުން ޖެންޑަރ އީކުއަލިޓީއަށް ކަންކަން ކަނޑައެޅުމުގައި އިދާރާތަކުގެ އޮނިގަނޑުގައި މިކަމަށް ރިޢާޔަތްކޮށްފައިވާ މިންވަރު
  2. ހިއުމަން ރިސޯސަސް އެންޑް ވޯކް ޕްލޭސް އީކުއަލިޓީ: މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކޮށް އިދާރާގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާފައިވާ މިންވަރު
  3. އޯގަނައިޒޭޝަނަލް ކަލްޗަރ އެންޑް ކެޕޭސިޓީ: އީދާރާތެރޭގައި މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކޮށް ބާރުދޭ މިންވަރު
  4. ސަރވިސް ޑެލިވަރީ އެންޑް ޕްރޮގްރާމިންގ: އިދާރާއިން ދޭ ޚިދުމަތްތަކާއި ހިންގާ ޕްރޮގްރާމްތަކުގައި މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކޮށްފައިވާ މިންވަރު
  5. ޑާޓާ މޮނިޓަރިންގ އެންޑް އިވެލުއޭޝަން: ޕްރޮގްރާމްތައް ހިންގުމުގައި ތަފާސް ހިސާބުތަކަށް ރިޢާޔަތްކޮށް މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ބާރުއަޅާ މިންވަރު
  6. ޕާޓްނަރޝިޕްސް އެންޑް ޕަބްލިކް އެންގޭޖްމަންޓް: މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް އެކަމާއި ގުޅުންހުރި އެހެނިހެން އިދާރާތަކާއި ޖަމްއިއްޔާ ޖަމާޢާތްތަކާއި މަސައްކަތްކުރާ މިންވަރު

ޖެންޑަރ އީކުއަލިޓީ ސީލްއަށް އެދި ހުށަހެޅުމަށް ކޮންމެ އިދާރާއަކުންވެސް އެ އިދާރާއަކުން ހުށަހަޅަން ބޭނުންވާ ލެވެލްއެއްގެ އެސަސްމަންޓް ފޯމް ފުރިހަމަކުރުމަށްފަހު އެ ފޯމްއަކަށް މަދުވެގެން 50 އިންސައްތަ މާކްސް ލިބޭކަމަށްވާނަމަ އެލެވެލްއަކަށް ސީލްއަށް ހުށަހެޅޭނެއެވެ.

އެގޮތުން، މިއަހަރުގެ އޮކްޓޯބަރ 20 ވަނަ ދުވަހުން 21 ޑިސެމްބަރުގެ ނިޔަލަށް ސީލްއަށް އެދި ހުށަހެޅުމަށް ފުރުޞަތުވަނީ ހުޅުވާލާފައެވެ. ސީލްއަށް އެދި ހުށަހަޅާނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެޒެޓުކޮށްފައިވާ ޢިއުލާނުގައި ހިމަނާފައިވާ ސެލްފް އެސަސްމަންޓް ފޯމް ފުރިހަމަކުރުމަށްފަހު ކަމާއި ގުޅުންހުރި ލިއެކިއުންތަކާއި އެކު އީމެއިލް މެދުވެރިކޮށެވެ.

ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން، ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ 24 ޑިސެންބަރު 2023 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގައެވެ. އެގޮތުން، މި ނިޝާނަކީ ޤާނޫނު ނަންބަރު 2016/18، ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވާ އިދާރާތަކުން ކުރާ މަސައްކަތް މެއިންސްޓްރީމްކުރުމަށް އެޅޭ މުޙިއްމު ފިޔަވަޅަކަށް ވެގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC