
ތަފާތުބޮޑު ނަތީޖާއަކުން ވާދަވެރި ވިކްޓަރީ ބަލިކޮށް ނިއުރޭޑިއަންޓް އެއްވަނައަށް
# ދިރާގު ދިވެހި ލީގު# ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު # ވިކްޓަރީ ސްޕޯޓްސް ކުލަބު # ދިވެހި ކުޅިވަރުނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އަދަދު ސްޕޯޓްސް
ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ފުޓްބޯޅައިގައި އެންމެ ބޮޑު ވާދަވެރިޔާ ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް ނިއުރޭޑިއަންޑް ސްޕޯޓްސް ކުލަބުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި ނިއުރޭޑިއަންޓް އެންމެ ފަހުން ކުޅުނު މެޗުގައި ކުލަބު ވެލެންސިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ވިކްޓަރީ އެންމެ ފަހުން ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން އެޓީމު ވަނީ 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު ނިއުރޭޑިއަންޓުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ.އަދި އެޓީމުގެ މިދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ސެންޓޭ ކާމިޔާބުކުރީ މެޗުގެ 12 ވަނަ މިނެޓުގައެވެ.
މިއީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަޔުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުނު ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ނިއުރޭޑިއަންޓުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ސެންޓޭ ކާމިޔާބުކުރި ދެވަނަ ހެޓްރިކެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު ފަހުހާފުގެ 78 ވަނަ މިނެޓުގައި ހުޝާމް ކާމިޔާބުކޮށްދިނީ ވެސް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ ފާސިރު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ނިއުރޭޑިއަންޓް ކުރީގައި އޮތްއިރު، މިމެޗުން ބަލިވި ވިކްޓަރީ ސްޕޯޓްސް ކުލަބު ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.