
ވެލެންސިއާ ބަލިކޮށް ޓީސީ އިން އުންމީދު އައުކޮށްފި
# ކުލަބު ވެލެންސިއާ# ދިވެހި ކުޅިވަރު # ޓީސީ ސްޕޯޓްސް ކުލަބު# ދިރާގު ދިވެހި ލީގުޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އަދަދު ސްޕޯޓްސް
ދިރާގު ދިވެހި ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިއާ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޓީސީ އިން ލީގު ތާވަލުގެ އަށްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ޓީސީ ސްޕޯޓްސް ކުލަބަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން މިވަގުތު އެޓީމު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެލެންސިއާ އިން ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ.
ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވެފައިވާއިރު، ލީގުގައި ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޓީސީ އިން މެޗު ޑޮމިނޭޓްކުރިއިރު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިޒާން އަލީ އެވެ. މިއީ އެޓީމުގެ ބޯޑް ޕްރިންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޓީސީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 11 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ތަސްނީމް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދަނޑުގެ ލައިޓްތައް ނިވިގެން، މެޗުގެ ކުޅުން މެދުކަނޑާލަން ޖެހުނުއިއިރު، ވެލެންސިއާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ފޯވާޑް އަބޫބަކަރު ސިލާ އެވެ.
ނަމަވެސް އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ޓީސީ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން ދެލަނޑުގެ ލީޑެއް ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބޯޑް ޕްރިންސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.