logoEN
Sto top
އަޝްވާންގެ މޮޅު ކުޅުމާއެކު އީގަލްސް އިން އޮޑީގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް ގެނެސްފި

އަޝްވާންގެ މޮޅު ކުޅުމާއެކު އީގަލްސް އިން އޮޑީގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް ގެނެސްފި

ހަސަން ޝަމްއޫން

logo

10/20/2025, 10:09:11 PM

# އޮޑި ސްޕޯޓްސް ކުލަބު# ކުލަބު އީގަލްސް# ދިރާގު ދިވެހި ލީގު# ދިވެހި ކުޅިވަރު

ކުލަބު އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން.. ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރެ، އޮޑިން ލީގުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިސްފިއެވެ.

Wamco

ލީގުގައި އޮޑި ސްޕޯޓްސް ކުލަބުން އެންމެ ފަހުން ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އީގަލްސް އެންމެ ފަހުން ކުޅުނު މެޗުގައި ގްރީން ސްޓްރީޓް އަތުން އެޓީމު ވަނީ 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހަތަރު މިނިޓް ތެރޭގައި އޮޑިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ދެ ވަނަ މިނިޓްގައި، އޮޑީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ހަމަލާ އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން ދިފާއުކުރިއިރު، އޭގެ ދެ މިނިޓް ފަހުން، އޮޑީގެ ހަންގޭރީ މިޑްފީލްޑަރު، ބާނަަބާސް ޓޯތު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މިހާފުގައި އީގަލްސް ޓީމުގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަތައް އޮޑީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވަނީ ދިފާއުކުރިއިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އޮޑިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ގޮތުން، އެޓީމު އިއްބެ އާއި ލިތުއޭނިއާގެ ފޯވާޑް، ކަރޮލިސް ލައުކްޒެމިސް ފޮނުވާލި ހަމަލާތައް އީގަލްސްގެ ކީޕަރު އަޝްވާން ވަނީ ހުޝިއާރުކާމާއެކު ދިފާއުކޮށްފަ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން އޮޑި ސްޕޯޓްސް ކުލަބަށް 10 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ކުލަބު އީގަލްސްއަށް ދެ ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC