
ވަކި ކައުންސިލްތައް އުފެދިއްޖެ ނަމަ ބްލޮކް ގްރާންޓުގެ ގޮތުގައި ފޭދޫއަށް 25 މިލިއަން، ހުޅުދޫއަށް 13 މިލިއަން ، މީދޫއަށް 18 މިލިއަން!
# އައްޑޫ ސިޓީ ކައުންސިލް-
އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތަށް ރައްޔިތުން ބަދަލު ގެންނަން ނިންމައި ވަކި ކައުންސިލްތަކެއް އުފެދިއްޖެ ނަމަ އުފެދޭ ވަކި ކައުންސިލްތަކަށް ލިބޭ ބްލޮކްގްރާންޓުގެ ބައެއް ތަފްސީލް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މިކަމުގެ ތަފްސީލް ހާމަކުރެއްވީ އެމަނިކުފާނު މިހާރު ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ވަކި ކައުންސިލްތަކެއް ހަދަން އައްޑޫގެ ތިން ރަށުގެ ރައްޔިތުން ނިންމަވައިފިނަމަ ވަކި ކައުންސިލުގެ ހުރިހާ ހައިސިއްޔަތެއް އެކައުންސިލުތަކަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މިހާރު މުޅި ސިޓީ ކައުންސިލަށް އޮންނަ އެއް ބަޖެޓްގެ ބަދަލުގައި ވަކި ކައުންސިލުތައް ހަދަން ރައްޔިތުން ނިންމަވައިފިނަމަ ހުޅުދޫ، މީދޫ އަދި ފޭދޫ ކައުންސިލަށް ވަކި ބަޖެޓު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިހާރު އާބާދީއާއި އެހެނިހެން ގޮތްގޮތުން ބަލާއިރު، ބްލޮކް ގްރާންޓް ދޫކުރުމަށް ނިންމަވާފައިވާ ގޮތުން، ފޭދޫ ކައުންސިލަށް އަހަރަކު ބްލޮކް ގްރާންޓްގެ ގޮތުގައި 25 ވަރަކަށް މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް ގާތްގަނޑަކަށް 13 ނުވަތަ 14 މިލިއަން އަދި މީދޫ ކައުންސިލަށް ބްލޮކް ގްރާންޓްގެ ގޮތުގައި ގާތްގަޑަކަށް 18 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް، މިހިނގާ އޮކްޓޯބަރުގެ މަހުގެ 25 ވަނަ ދުވަހު، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި ސަރުކާރުން ހާސިލުކުރައްވަން ބޭނުންވާ ވަކި ނަތީޖާއެއް ނެތްކަމަށާއި އެ ތިން ރަށުގެ ރައްޔިތުން ނިންމަވާ ކޮންމެ ގޮތަކީ ސަރުކާރުގެ ނިންމެވުން ކަމަށް ވިދާޅުވެފައި އެވެ.
ހޮނިހިރު ދުވަހު، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުން، އެ ތިން ރަށުގެ ރައްޔިތުން ވަކި ކައުންސިލުތައް އުފައްދަން ނުވަތަ، އެނޫން އެހެންގޮތަކަށް ނިންމެވިޔަސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކޮންމެކަމެއްގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ގުޅުންހުރި

މީދޫ އާއި ހުޅުދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ކައުންސިލެއް އުފައްދަން!

ވަކި ކައުންސިލްތައް އުފެދިއްޖެ ނަމަ ބްލޮކް ގްރާންޓުގެ ގޮތުގައި ފޭދޫއަށް 25 މިލިއަން، ހުޅުދޫއަށް 13 މިލިއަން ، މީދޫއަށް 18 މިލިއަން!

އައްޑޫ ވޯޓު: ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި
.webp&w=3840&q=75)




