
ވާދަވެރި ކުޅުމަކަށްފަހު ބުރުން ގްރީން ސްޓްރީޓް ބަލިކޮށްފި
# ބުރު ސްޕޯޓްސް ކުލަބު# ދިވެހި ކުޅިވަރު # ދިރާގް ދިވެހި ލީގު# ގްރީން ސްޓްރީޓްގްރީން ސްޓްރީޓާއި ބުރު ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މިހާރު ސްޕޯޓްސް
ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓާއި ބުރު ސްޕޯޓްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ބުރު ސްޕޯޓްސް ކުލަބަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ގްރީން ސްޓްރީޓް ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ގްރީން ސްޓްރީޓަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ކެޕްޓަން ރިޟްވާން ވަހީދަށް ގާތްގާތުގައި ދެއްކި ދެ ރީނދޫކާޑާއެކު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީ ބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުގައި ރިޟްވާ ހޯދި ދެއްކި ދެވަނަ ރަތްކާޑެވެ. މިމެޗުގައި އޭނާއަށް ރަތްކާޑު ދައްކާފައިވަނީ ރެފްރީގެ ނިންމުމަށް ތަކުރާރުކޮށް ނުރުހުންފާޅުކުރުމުންނެވެ.
ގްރީން ސްޓްރީޓުން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ބުރުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެޓީމުގެ ގާސިމް ތޯއިފް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމް އެވެ. އަދި މިލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ގްރީން ސްޓްރީޓުން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ބުރު ސްޕޯޓްސް ކުލަބުން ލީޑު ފުޅާކުރި ލަނޑު މެޗު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ ޖުނައިދު އެވެ.
ގްރީން ސްޓްރީޓުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އޮބެއިޑާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.