
ސްކޭމަރުންގެ މައުލޫމާތު އެނގޭ އެޕްލިކޭޝަނެއް ތައާރަފްކުރަނީ: ކޮންމެ 8 ގަޑިއިރަކުން މައުލޫމާތު އަޕްޑޭޓްވާނެ!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ސައިބަރ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކަށް ހޭލުންތެރިކުރުމަށް ޕޮލިސް.އެމްވީގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ސައިބަރ ސްޕޭސް މެދުވެރިކޮށްކުރާ ކުށްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، ސައިބަރ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކާއި، އެކަންކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރަން ނިންމާފައިވާ ކަމަށެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ސައިބަރ ސްކޭމަރުން ބޭނުންކުރާ މޮބައިލް ނަމްބަރުތަކާއި، އެކައުންޓް ނަމްބަރުތަކާއި، ސްކޭމަރުން ބޭނުންކުރާ ފިޝިން ލިންކެއް އުޅޭނަމަ އެއާގުޅޭ މަޢުލޫމާތުތައް ފެންނަން ހުންނާނެ ކަމަށް އަޒީފް ވިދާޅުވިއެވެ. އަދި ވަކި މެތަޑެއް ބޭނުންކޮށްގެން ސްކޭމްގެ އަމަލެއް ހިންގިނަމަވެސް އެއާ ގުޅޭ މަޢުލޫމާތުތައް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެޕްލިކޭޝަން ލޯންޗުކުރެވިގެންދިއުމާއެކު ކޮންމެ 8 ގަޑިއިރަކުން 8 ގަޑިއިރަކަށް މަޢުލޫމާތުތައް އަޕްޑޭޓްކުރެވެމުން ދާނެއެވެ.
ކޮންމެ މީހަކުވެސް ހުށަހަޅާ މައްސަލައިގެ އަޕްޑޭޓް އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެ ކަމަށާއި، މުޢާމަލާތްކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސައިބަރ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކަށް ހޭލުންތެރިކުރުމަށް ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރުމަށް ތައްޔާރުވަމުން އަންނައިރު ސައިބަރ ކްރައިމް ނުވަތަ ސައިބަރ ސްޕޭސްގައި ހިންގާ ކުށްތައް ހުއްޓުވުމަށް ޤާނޫނުތަކަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ.
ސައިބަރ ކުށްތައް ހުއްޓުވުމަށް އިސްލާހު ގެނެސްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައި އިސްލާހަކީ ސައިބަރ ސްޕޭސްގައި ހިންގާ ކުށްތަކަކީ ޤާނޫނުން ކުށެއް ކަމުގައި ކަނޑައަޅުއްވައި ސައިބަރ ކްރައިމްގެ ގޮތުގައި ޤާނޫނުލްޢުޤޫބާތުގައި ހިމެނޭ ކުށްތައް އިތުރުކުރުމަށް ގެނައި އިސްލާހެކެވެ.
ސައިބަރ ކްރައިމްގެ ގޮތުގައި އިތުރު ކުރެވުނު ކުށްތައް
* ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
* ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
* ހުއްދަ ނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަސެޕްޓް ކުރުން
* ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުން
* ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން
* ސައިބަރ ވަޔަލަންސްގެ އަމަލުތައް
* ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް
* ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް
* ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ހިމެނެއެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ކޮޅުވެއްޓި ބަންޑުންޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ ތިން ވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ

ސްކޭމަރުންގެ މައުލޫމާތު އެނގޭ އެޕްލިކޭޝަނެއް ތައާރަފްކުރަނީ: ކޮންމެ 8 ގަޑިއިރަކުން މައުލޫމާތު އަޕްޑޭޓްވާނެ!
