
ޒީރޯ ވޭސްޓް ފޯރަމްގައި ދިވެހިރާއްޖެއިން ބައިވެރިވެ ޤައުމީ ބަޔާން އިއްވައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
63 ޤައުމެއްގެ ތިމާވެށީގެ ވަޒީރުންނާއި މަންދޫބުންނާއި އެކު ދުނިޔޭގެ ޒީރޯ ވޭސްޓް ފޯރަމް ފަށައިފި އެވެ.

މި މުހިންމު ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ. އަދި އެމަނިކުފާނު ވަނީ މި ފޯރަމްގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައިފައެވެ.
މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ތިމާވެށީގެ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ޙައްލުތައް ހޯދުމާއި، ސަރކިއުލަރ އިކޮނޮމީ (Circular Economy) ހަރުދަނާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރުމެވެ. މި ބައްދަލުވުމުގައި، ބައިވެރިވި ޤައުމުތަކުގެ ތިމާވެށީގެ ވަޒީރުންނާއި މަންދޫބުން ވަނީ ތިމާވެށި ރައްކާތެރިކުރުމާއި ކުނި މެނޭޖްކުރުމުގެ އެންމެ ފަހުގެ ހޯދުންތަކާއި ތަޖުރިބާތައް ހިއްސާކޮށްފައެވެ.
ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމް ވަނީ ރާއްޖެއަކީ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ މިންވަރާއި، އެކަންކަމަށް ޙައްލު ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ޒީރޯ ވޭސްޓް އުސޫލުތަކަށް ބަރޯސާވެ، ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ދެމުންދާ އިސްކަން ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި، ކުނި މަދުކުރުމާއި، ކުނި ރިސައިކަލްކުރުމާއި، އަދި ތިމާވެއްޓަށް ގެއްލުން ނުލިބޭނެ ގޮތްތަކަށް އުފެއްދުންތައް ބައްޓަންކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ޒީރޯ ވޭސްޓް ފައުންޑޭޝަންގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަގުފަހިކޮށްދިނުމެވެ.
ގުޅުންހުރި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސިޓީއަކަށް ހައިވަކަރު ގަސްތައް ފޯރުކޮށްދީފި

ގްރީން އިންނޮވޭޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރެއްވީ ސްޓޭޓް މިނިސްޓަރު މިމްރާހް!

ޒީރޯ ވޭސްޓް ފޯރަމްގައި ދިވެހިރާއްޖެއިން ބައިވެރިވެ ޤައުމީ ބަޔާން އިއްވައިފި





