
-
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ކޮމިއުނިކޭޝަނަށް ޚާއްޞަ ވެބްސައިޓެއް ތަޢާރަފުކޮށްފައެވެ.

މި ވެބްސައިޓު ތައާރަފުކޮށްފައިވަނީ މިހާރު ކުރިޔަށްދާ ހުޝިޔާރު ކެމްޕެއިންގެ ދަށުންނެވެ. އެކެމްޕެއިނަކީ ކާރިސާތަކާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުވުމަށް ކުރިޔަށް ގެންދާ ޚާއްސަ ކެމްޕެއިނެކެވެ.
ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ކޮމިއުނިކޭޝަނަށް ޚާއްޞަކޮށްގެން މިއަދު ތައާރަފްކުރި ވެބްސައިޓަށްވެސް ނަންދީފައިވަނީ ހުޝިޔާރުގެ ނަމުންނެވެ. އެގޮތުން އެންޑީއެމްއޭއިން މައުލޫމާތު ދޭގޮތުގައި މި ވެބްސައިޓަކީ މުޖުތަމަޢުއަށް މަޢުލޫމާތު ފޯރުކޮށްދޭ، ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭ، ގިނަ ބަސްތަކަކުން އިންޒާރު ގެ މެސެޖް ފޯރުކޮށްދޭ އަދި ޢަމަލީ ގޮތުން އަޅާނެ ފިޔަވަޅު ތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމުން އަރައްކާތަކާއި ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތައުލީމީ ދާއިރާއަށް ބޭނުންވާ ފަންނީ މަޢުލޫމާތު ލިބެން ހުންނާނެކަމަށާއި މި ޕްލެޓްފޯމް 5 ބަހަކުން ބޭނުންކުރެވޭނެކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.
މި ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.
ރަސްމީކޮށް "ހުޝިޔާރު" ވެބަސައިޓް ތަޢާރަފުކޮށްފައިވަނީ 13 އޮކްޓޯބަރ 2025 ގައި ފާހަގަކުރި ބައިނަލްއަޤްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާއި ގުޅިގެން އެން.ޑީއެމް.އޭ. އިން އިސްނަގައިގެން މިއަދު ކުރިޔަށްގެންދާ "ވިލުންތެރި ފެސްޓު" ގައެވެ. ކުޑަކުދިންނާއި މުޅި މުޖްތަމަޢުއަށް އަމާޒުކޮށްގެން ބޭއްވޭ ހަރަކާތުގައި ދިވެހިރާއްޖޭގެ ކާރިސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އަދި މިނޫންވެސް ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި އަދި މަދަނީ ޖަމްއިޢްޔާތައް ހިމެނޭގޮތަށް، 20 ފަރާތަކުން ދަނީ ދިވެހިރާއްޖެ ވިލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދެމުންނެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ދިވެހިރާއްޖޭގެ ކާރިސާ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު 2024-2030 ގައި ބަޔާންކޮށްފައިވާ 'އިޖާބަދިނުމަށް މުޖުތަމަޢު ބާރުވެރިކުރުވުން' މި މުހިންމު އަމާޒަށް ވާސިލް ވުމަށްޓަކައި ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ޚާއްޞަ ވެބްސައިޓެއް މިއަދު ޤާއިމްކުރެވިގެން ދިއުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.
" ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން އެން.ޑީ.އެމ.އޭ އިން ފެށި މި ޤައުމީ ކެމްޕޭނު އިތުރަށް ފުޅާކުރެވި މިކަމުގެ ސަބަބުން ކާރިސާތަކަށް ވިލުންތެރި މުޖުތަމަޢުތަކެއް ބިނާކުރެވުން އެއީ އަޅުގަނޑުމެންގެ އުއްމީދެވެ." ހިސާން ވިދާޅުވިއެވެ.
ހުޝިޔާރު ކެމްޕެއިން އަކީ ކާރިސާތަކަށް މުޖްތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި ދިވެހިރާއްޖޭގައި ހުންނަ ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އަދްނާން ޗީމާ ވިދާޅުވީ ދުރާލާ އިންޒާރުދިނުމާއި، ކާރިސީ ކަންކަމާއި ގުޅޭ ފަންނީ މަޢުލޫމާތު އެއްތަނަކުން ފެންނަ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ މަޤްސަދަކީ ރައްކާތެރި ފިޔަވަޅު އަޅާ، ހިރާސް ކުޑަކުރުމަށް އަހުލުވެރި، ކާރިސާތަކަށް ކުރިމަތިލެވޭ ދިވެހިރާއްޖެއެއް ބިނާކުރުން ކަމަށެވެ.
ހުޝިޔާރު ވެބްސައިޓް ތަރައްޤީކުރެވިފައިވަނީ ޔޫއެންޑީޕީގެ ފަންޑިންގ ވިންޑޯ މެދުވެރިކޮށް ޑެންމާކް، ލަކްސެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުތަކުން ދެއްވި އެހީގެ ދަށުންނެވެ.
ގުޅުންހުރި

ހުޝިޔާރު: ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ކޮމިއުނިކޭޝަނަށް ޚާއްޞަ ވެބްސައިޓެއް!

ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް އިޖާބަ ދިނުމަށް ޚާއްސަ ޓާސްކްފޯސްއެއް އުފައްދައިފި
