
-
ށ މިލަންދޫގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.

މި ހިދުމަތް ރަސްމީކޮށް އެރަށުގައި ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ށ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މިލަންދޫގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މިލަންދޫ އަކީ ށ އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފެށުނު ދެވަނަ ރަށެވެ. އެގޮތުން މިި ހިދުމަތް ދެން ށ އަތޮޅުގައި ދެމުންއަންނަނީ ށ ފުނަދޫގައި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށިގެން ދިޔަ ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް މިވަނީ ދޭން ފަށާފައެވެ. އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑް ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.