
ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރަން ކޮންޓްރެކްޓަރާއި ހަވާލުކޮށްފި
# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
ށ ކޮމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމްކުރަން ކޮންޓްރެކްޓަރާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
ސަރުކާރުން މި މަޝްރޫއު ހަވާލުކުރީ އެތިއޮން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓައު އަހުމަދު ޝިޔާމް އެވެ. ތިއޮން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެގްޒެކެޓިވް ޑިރެކްޓަރ ކިޔާާޝަތު ޢަބްދުﷲއެވެ.
މި މަޝްރޫއުގެ ދަށުން ކޮމަންޑޫގައި ތަރައްޤީކުރުމަށް ނިންމާފައިވަނީ 30 ޓަނުގެ އައިސްޕްލާންޓެކެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި މި މަޝްރޫއަކީ އެސަރަހައްދުގެ މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކުރިޔަށްގެންދާ މަޝްރޫއެކެވެ.
އެގޮތުން މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް ކުރުވެ ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.








