
ޕޭޕަލް ރާއްޖެ ގެނެވޭގޮތް ވުމަކީ އީޖާދީ ޑިޖިޓަލް މާލީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް!
# އެކޮނޮމިކް މިނިސްޓްރީ-
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފު ކުރުމަށް ހަމަޖެހިގެންދިއުމަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާޞިލްވުންކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފި އެވެ.

މިނިސްޓްރީން މިފަދައިން ބުނެފައިމިވަނީ ޕޭޕަލް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަން މިއަދު އުރީދޫން ހާމަކުރުމާއި ގުޅިގެން އެކަމަށް މަރުހަބާ ދަންނަވައި ނެރުނު ބަޔާނެއްގައި އެވެ.
އެގޮތުން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ޕޭޕަލް އާއިއެކު ދިވެހިރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ތަޢާރަފު ކުރުމަށް ހަމަޖެހިގެންދިއުމަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާޞިލްވުންކަން ފާހަގަކޮށް މަރުހަބާ ކިޔާފައި އެވެ.
އެގޮތުން ދިވެހި ފަންނުވެރިން ކުރިއަރުވާ، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިޤްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް އަމާޒުކަމަށާއި މިގޮތުން، ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ފަށާ މި މުހިންމު ޚިދުމަތަކީ، ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތަޢާރަފުކުރުމާއި، ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޚިދުމަތްތައް ދިވެހިރާއްޖެއިން ލިބޭނެ ގޮތަށް މަގުފަހި ކޮށްދިނުމަށް މި ސަރުކާރުން ވެފައިވާ ވަޢުދު ފުދުންކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.
އަދި މި ކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވާނެކަމަށްވެސް ވަނީ ބުނެފައި އެވެ.
މިނިސްޓްރީން ބުނީ މިފަދަ ޚިދުމަތްތައް ޤައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ގިނަކަމާއި، ފަންނީ އަދި މާލީ މިފަދަ ޒަމާނީ މުޢާމަލާތްތައް ކުރުމުގައި ރާއްޖެފަދަ ޤައުމުތަކަށް ޒަމާނުއްސުރެ ކުރިމަތިވެފައި ހުރި ދަތިތަކުން އަރައިގަނެ، މިފަދަ ބައިނަލްއަޤްވާމީ ޚިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދީ، އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ހުރަސްތައް ކަޑަތުކޮށްފައިވާ ކަމަށެވެ.
އަދި މި ޚިދުމަތް ތައާރަފުކުރުމަށްޓަކައި ޕޭޕަލް އަދި ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައިވަނީ ކުރެވިފައިވާކަން ފާހަގަކޮށް މިނިސްޓްރީން ވަނީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެންދިއުމަކީ، މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި، އަދި އީޖާދީ ޑިޖިޓަލް ޙައްލުތައް ހޯދޭނެ ފަދަ މާލީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ބަޔާން ނިންމާލަމުން އެމިނިސްޓްރީން ވަނީ ޕޭޕަލް، އުރީދޫ ފިންޓެކް މޯލްޑިވްސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މި މުހިންމު މަސައްކަތް ކާމިޔާބުކުރުމުގައި މިނިސްޓްރީއާއެކު މަސައްކަތް ކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި އެންމެން ޝާމިލުވާ، ގުޅިލާމެހިފައިވާ ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރާ ދަތުރުގައި، މާލީގޮތުން ދުނިޔޭގެ އެންމެ މަޤްބޫލު އަދި އެންމެ ފެންވަރު ރަނގަޅު ޓެކްނޮލޮޖީގެ މިނޫން އިތުރު ވަސީލަތްތަކާއި ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުމަށްވެސް ސަރުކާރުން އަބަދުމެ އިސްކަން ދެމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާފައި އެވެ.
ގުޅުންހުރި

ޕޭޕަލް ރާއްޖެ ގެނެވޭގޮތް ވުމަކީ އީޖާދީ ޑިޖިޓަލް މާލީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް!
ރާއްޖޭގައި އިންވެސްޓްކުރުމަށް އަލަށް އެކުލަވާލި އުސޫލުން ދިވެހީންނަށް ފަހި އިޤްތިޞާދީ ފުރުޞަތުތަކެއް!

ކުޅުދުއްފުށީގައި ފަންނުވެރި އެކިމަސައްކަތްކުރާ ބައެއް ފަރާތްތަކާއި ވިޔަފާރިވެރިންނާއި މިނިސްޓަރު ސައީދު ބައްދަލުކުރައްވައިފި
